29 ނޮވެމްބަރ 2018 - 07:38

އުމުރުން ދުވަސް ވިޔަސް ފަނޑުވުމެއް ނެތް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯޒަރު ބައްޕީ ލެހިރީ ފިލްމެއް ޑައިރެކްޓް ކުރަން ނިންމައިފި އެވެ.
މީގެ ކުރިން "ސްލަމްސްޓާ" ގެ ނަމުގައި ޑޮކިއުމަންޓްރީއެއް ވެސް ހަދާފައިވާ 66 އަހަރުގެ ލަވަކިޔުންތެރިޔާގެ ފުރަތަމަ ފީޗާ ފިލްމަކީ މިއުޒިކީ ވާހަކައެއް ކިޔައިދޭ "އޭކް އަދޫރާ ސަންގީތު" އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ޑިސްކޯ ސްޓައިލްގެ ލަވަތައް ކިޔައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ބައްޕީ ބުނީ އޭނާގެ އަލަތު ޑައިރެކްޝަނަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ.
އަންގާރަ ދުވަހު 66 ވަނަ އުފަން ދުވަސް ފާހަގަކުރި ބައްޕީ ބުނީ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ނިންމި މައިގަނޑު ސަބަބަކީ އުމުރުން އަނެއްކާވެސް އިތުރު އަހަރެއް މާޒީވެގެން ދިއުމުން އާ ކަމެއް ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
"އަހަންނަކީ އަބަދުވެސް އާ ކަންތައްތަކާ ކުރިމަތިލާން ބޭނުންވާ މީހެއް. އެހެންވެ އޭކް އަދޫރާ ސަންގީތުގެ މަސައްކަތަކީ ވެސް ވަރަށް ހާއްސަ އަދި ވަރަށް ބޮޑު ދަތުރަކަށް ވާނެ،" ބައްޕީ ބުންޏެވެ.
"ވޯލްޑް، ޕީސް، ލަވް އެންޑް ހާމަނީ: ވީ އާ ވަން" ގެ ނަމުގައި ފޮތެއް ވެސް ލިޔެފައިވާ ބައްޕީ ބުނި ގޮތުގައި ޑައިރެކްޓަރެއްގެ ތޮފި އަޅައިގެން، ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަނީ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
"އަހަރެން ނުބުނާނަން ވަރަށް މޮޅު ފިލްމަކަށް އަހަރެންގެ ފިލްމު ވާނެއެކޭ. އެކަމަކު މި ފިލްމަކީ ބެލުންތެރިިން އުފާވާނެ ކަހަލަ ފިލްމަކަށް ވާނެ. މިއުޒިކަކީ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ އެއްޗެއް،" ބައްޕީ ބުންޏެވެ.
"އަހަރެންގެ އޭކް އަދޫރާ ސަންގީތަކީ މިއުޒިކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާނެ ފިލްމެއް. އެހެންވެ މިއީ ބެލުންތެރިންނަށް އުފާވެރިކަން ގެނެސް ދޭނެ ފިލްމެއް."
"އޭކް އަދޫރާ ސަންގީތު" ގެ ކާސްޓާއި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.