29 ނޮވެމްބަރ 2018 - 07:36

ސްމާޓްފޯނުތަކުގައި ކެމެރާ ހަރުކުރުން ވެސް މި އޮތީ ބޮޑު ވާދަވެރިކަމަކަށް ވެފަ އެވެ. ފަސް ކެމެރާ ފޯނެއް އުފެއްދުމުގައި ނޮކިޔާ އުޅެނިކޮށް، 16 ކެމެރާގެ ފޯނެއް އުފައްދަން އެލްޖީ މަސައްކަތްކުރާ ވާހަކަ މިއޮތީ އާންމުވެފަ އެވެ.
އެލްޖީން މި ފޯނާ ބެހޭ ގޮތުން ޚާއްސަ ޚަބަރެއް ނުދެ އެވެ. ނަމަވެސް، ކުންފުނިތަކުން ސްމާޓްފޯނުތަކުގައި އާދަޔާ ޚިލާފު ފީޗާއެއް ހިމަނާ ޒަމާނެއްގައި ބާކީ ނުވެވޭތޯ އެލްޖީން ވެސް ބަލާނެ އެވެ. އެހެންކަމުން މި ޒާތުގެ ފޯނެއް އެލްޖީން އުފެއްދުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން އެލްޖީ އަކީ މި ޒާތުގެ މަސައްކަތްތަކަށް މުޅިން އާ ކުންފުންޏެއް ވެސް ނޫނެވެ.
ސްމާޓްފޯނުތަކުގައި ހަރުކުރާ ކެމެރާގެ އަދަދު ގިނަވަމުން ގޮސް، ފޯނުގެ ފަހަތުގައި އިންޗިއެއްހާ ތަން ވެސް ހުސްކޮށް ނުބާއްވާނެ ކަމަށް ބުނެ، މީހުން ދަނީ މަލާމާތް ވެސް ކުރަމުންނެވެ. ފޯނުގައި ކެމެރާ ގިނަކުރުމަށް ވެރެ، އެ ހުރިހާ ކަމެއް ކުރެވޭ ފެންވަރުގެ ކެމެރާއެއް އީޖާދުކުރަން ނުވޭތޯ ވެސް މީހުން ސުވާލުކުރެ އެވެ.
ސްމާޓްފޯނުތަކުގެ ފަހަތަށް ކެމެރާ އިތުރުކުރުމަކީ އެންޑްރޮއިޑް ކޮމިއުނިޓީގައި މިހާރު ވަރަށް އާންމު ކަމެކެވެ. މި ކުޅިވަރު ފުރަތަމަ ފަށައިގަތް ކުންފުނިތަކުގެ ތެރޭގައި ސެމްސަންގް އަދި ވާވޭ ހިމެނެ އެވެ.
ފޯނުގައި ކެމެރާ ގިނަކުރުމުގެ އަސާސީ ބޭނުމެއް ކަމަށް ބެލެވެނީ ވީހާ ވެސް ބޮޑަށް ފޮޓޯ އޭގެ އަސްލާ އެއްގޮތްކުރުމެވެ. ބަޔޯމެޓްރިކް ފޯނުތަކުގައި މޫނު ސްކޭންކުރަން ކެމެރާ އަށް ވުރެ ސެންސަރުތައް އިތުރުކުރުމުގެ ބޭނުމަކީ ވީހާ ވެސް ބޮޑަށް އަސްލު ދެނެގަތުމެވެ. އެގޮތުގައި މީހާގެ އަސްލު ސޫރަ ކަށަވަރުކަމާ އެކު ދެނެގަތުން ހިމެނެ އެވެ. ނޭފަތް، ކަންފަތް އަދި މޫނަށް ނިސްބަތްކުރެވޭ ގުނަވަންތައް ހުރި ދުރުމިނާއި ފުންމިން ފަރަގުކުރުން ވެސް ހިމެނެ އެވެ.