ކުރީގެ އެއް ވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޝާއިން ނިޔާވެއްޖެ
ކުރީގެ އެއް ވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޝާއިން ނިޔާވެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޝާއިން ރަޝީދު އުމުރުން 38 އަހަރުގައި މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރީގައި ވަޒީފާއަދާކުރަމުން އައި ޝާއިން ނިޔާވީ، މިދިޔަ އާދީއްތަ ދުވަހު އޮފީހުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ރާއްޖޭގެ އެއް ވަނަ ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާއި އެއް ވަނަ އަންހެން ކުޅުންތެރިޔާ އަފްނާން ރަޝީދުގެ ދެބެންގެ ދެދަރި ދައްތަ ޝާއިން ވަނީ ގައުމީ ސިންގްލަސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ގައުމީ ބެޑްމިންޓަން ޓީމަށް ހަތް އަހަރު ކުޅުނު ޝާއިން ވަނީ ސައުތު އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ.

"ޝާއިން އަކީ ބެޑްމިންޓަނުގެ އިތުރުން ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތެއް. ދިވެހި ކުޅިވަރުން ގެއްލިގެން އެދިޔައީ މުހިއްމު ނަމެއް،" ކުރީގެ ބެޑްމިންޓަން ކުޅުންތެރިޔާ އަލީ ނަސީރު އަބްދުﷲ (ސަޓޯ) ބުންޏެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓް އަޖުފާން އަދި އޭނާގެ ކޮއްކޮ އަފްނާންގެ ބެޑްމިންޓަން ކެރިއަރުގެ ފެށުމަކީ ވެސް ޝާއިން އެވެ. އަދި އެ ދެ ކުޅުންތެރިން މި ކުޅިވަރުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ދިން އެކަކަކީ ވެސް ޝާއިން އެވެ.

"ކޯޓު މަތީގައި އަދި ކޯޓުން ބޭރުގައި ވެސް ހަގީގީ ޗެމްޕިއަނެއް ޝާއިން އަކީ،" އަޖުފާން ބުނެފައިވެ އެވެ.

ޝާއިންއާ އެކު ގިނަ ދުވަސްތަކެއް އެކުގައި ކުޅުނު ނީލާ އަހުމަދު ނަޖީބު ބުނީ ޝާއިން މަރުވި ހަބަރާ އެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އޭނާ އަކީ ހިތްހެޔޮ އަދި އެންމެންގެ ވެސް އެކުވެރިއެއް ކަމަށެވެ.

ޝާއިންގެ ކަށުނަމާދު އޮންނަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.