ޓޫރިޒަމްގެ ބޭނުމަށް ބިޑް ނުކޮށް ރަށްތައް ދިނުން ސަރުކާރުން މަޑުޖައްސައިލައިފި
ޓޫރިޒަމްގެ ބޭނުމަށް ބިޑް ނުކޮށް ރަށްތައް ދިނުން ސަރުކާރުން މަޑުޖައްސައިލައިފި

ޓޫރިޒަމްގެ ބޭނުންތަކަށް ބިޑަކާ ނުލައި ރަށްރަށާއި ބިންތައް އަދި ފަޅުތައް ދިނުމަށް އޮންނަ އުސޫލަށް އަމަލުކުރުން މަޑުޖައްސައިލަން ޓޫރިޒަމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ގާނޫނުގައި ބިޑަކާ ނުލައި ރަށް، ބިން އަދި ފަޅުތައް ދެވޭ ގޮތަށް އޮންނަ އޮތުމަށް އަމަލުކުރުން މަޑުޖައްސައިލާފައިވާ ކަމަށެވެ. އެކަމަކު، ކުއްލި ގޮތަކަށް މި ނިންމުން އައި ސަބަބެއް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައެއް ނެތެވެ.

ބިޑްނުކޮށް ރަށްތަކާއި ފަޅުތަކާއި ބިންތައް ދިނުން މަޑުޖައްސައިލަން ސަރުކާރުން ނިންމީ ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ރަށްތައް ދޫކުރަން މަޖުބޫރުވާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައި ވަނިކޮށެވެ.

ޕީޕީއެމުން އިސްވެ، ޓޫރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް ބިޑް ކުރުމެއް ނެތި ދެވޭ ގޮތް ހަދައިފަ އެވެ. އެ އިސްލާހަށް، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް ފާޑުކި އެވެ.

ރިފާއު މަޖިލީހަށް ފޮނުއްވި އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދޭން ވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާން ކޮށްގެން، ކަނޑަޅައި އުސޫލުތަކެއް މަތިން ކަމަށެވެ. އަދި އެ ތަންތަން ދޭން ވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން، މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ އަދަދާއި އެ ތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާ އެކު ޓޫރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ޕީޕީއެމްގެ އަޣުލަބިއްޔަތު ކުރިން އޮތް ރައްޔިތުންގެ މަޖިލީހުން، ބިޑްނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސްވެރިން ކުރިން ވިދާޅުވީ ޓޫރިޒަމްގެ ބޭނުންތަކަށް، ބިޑް ކޮށްގެން ދޫކުރާ ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށާއި އެ މޮޑެލް ދޫކޮށްލަންޖެހޭ ކަމަށެވެ.

ބިޑް ކުރުމެއް ނެތި، ޓޫރިޒަމް ތަރައްގީކުރަން ރަށްތަކާއި ބިންތައް އަދި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެމީހުން ދެކޭ ގޮތުގައި، ޓޫރިޒަމްގެ ގާނޫނަށް އެ އިސްލާހު ގެނައީ ގާނޫނުއަސާސީއާ ހިލާފަށެވެ.