އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފަށައިފި
އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފަށައިފި

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ބުނެ ހަމީދު ވަޒީފާއިން ވަކިކުރީ އޮގަސްޓް، 2012 ގަ އެވެ. ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސިިވިލް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް އެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން 2016 ވަނީ އެ ހުކުމް ބާތިލްކޮށް، ހަމީދަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ހައި ކޯޓުގެ އެ ހުކުމް ހަމީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އޮތަސް، އެ މައްސަލަ ދާދިފަހުން ހަމީދުގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި ހަމީދުގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ ހަމީދަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކުރީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ޚިލާފަށް ކަމަށެވެ. ހަމީދުގެ މައްޗަށް ވެސް ފުލުހުން ކުރީ ޖިނާއީ ތުހުމަތުތަކެއް ކަމަށް ވާއިރު، އެކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގޮތެއް ނުނިމެނީސް ހަމީދު ވަކި ނުކުރެވޭނެ ކަމަށް ސިރާޖް ވިދާޅުވި އެވެ.

ސިރާޖް އެދިވަޑައިގަތީ ހަމީދަށް އަލުން ވަޒީފާ ދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވި މީހެއް ކަމަށް ނުބެލުމަށް އަމުރުކޮށް ދިނުމަށެވެ.

ދައުލަތުން ބުނީ ފުލުހުންނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދާއިރާއިން އިސްތިސްނާ ކުރެވިފައިވާ ބައެއް ކަމަށް ވާތީ ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި އަމަލު ކުރަނީ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކަށް ކަމަށެވެ. އެކަމަކު ޖިނާއީ ތަހުގީގެއް ހިނގަމުން ދަނިކޮށް ވަޒީފާއިން ވަކި ކުރެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދޭން އެދޭ ކަމަށް ދައުލަތުން ބުންޏެވެ.

ޖިނާއީ ތަހުގީގެއް ހިނގަމުން ދަނިކޮށް، ވަޒީފާއިން ވަކި ކުރުމާ މެދު ދައުލަތުން ދެކެނީ ކިހިނެތްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން، ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި ދައުލަތުން އަނެއްކާވެސް ބުނީ އެގޮތަށް އެކަން ކުރެވޭނެތޯ ނުވަތަ ނޫން ކަމާ މެދު ޝަރީއަތުން ގޮތެއް ނިންމައިދޭން އެދޭ ކަމަށެވެ. އަދި އެ ބާވަތުގެ މައްސަލަތައް އެހެން މަރުހަލާގެ ކޯޓުތަކުގައި ވެސް ހިނގަމުންދާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ދެކޭ ގޮތެއް ސާފު ކުރުމަށްޓަކައި ދެވަނަ ފަހަރަށް ވެސް ފަނޑިޔާރުންގެ ބެންޗުން އެ ސުވާލު ދައުލަތާ އަމާޒު ކުރެއްވުމުން ދައުލަތުން އެދުނީ ލިޔުމުން ޖަވާބެއް ދިނުމަށް ފުރުސަތު ދިނުމަށެވެ. އެހެންވެ، ފަނޑިޔާރުން ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.

މީގެ އިތުރުން ހަމީދު ވަކިކުރަން ނިންމި މައްސަލާގައި އަމަލުކުރި އިޖްރާއާތުތައް އެނގޭނެ ލިޔުންތައް ވެސް ހުށަހަޅަން ދައުލަތަށް ފަނޑިޔާރުން އެންގެވި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަން ފަނޑިޔާރުން ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ސިއްރު މައުލޫމާތު ލީކު ކުރުމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާ ކޮށްފައެއް ނުވެ އެވެ.