ލަންކާ ސިފައިންގެ ވެރިޔާ އަމިއްލަ އަށް ކޯޓަށް ހާޒިރުވެއްޖެ
ލަންކާ ސިފައިންގެ ވެރިޔާ އަމިއްލަ އަށް ކޯޓަށް ހާޒިރުވެއްޖެ

ކޮލަމްބޯ (ނޮވެމްބަރު 28) - ލަންކާގެ މަދަނީ ހަނގުރާމައިގެ ދުވަސްވަރު 11 ކުޑަ ކުއްޖަކު މަރާލުމުގައި ތުހުމަތު ކުރެވޭ މީހާ އަށް ހިމާޔަތް ދިން ކަމަށް ބެލެވޭ ސިފައިންގެ ވެރިޔާ އެޑްމިރަލް ރަވިންދްރަ ވިޖެގުނަރަތުނަ އަމިއްލަ އަށް މިއަދު ކޯޓަށް ހާޒިރުވެއްޖެ އެވެ.

އަސްކަރީ ޔުނިފޯމުގައި ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުވެފައި ވަނީ ސަޕޯޓަރުންނާ އެކު އެވެ.

ވިޖެގުނަރަތުނަ އަމިއްލަ އަށް ކޯޓަށް ހާޒިރުވި އިރު މީގެ ކުރިން އޭނާ ހައްޔަރު ކުރަން ތިން ފަހަރެއްގެ މަތިން ވަނީ ކޯޓު އަމުރެއް ނެރަފަ އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

ތަހުގީގު ޓީމުތަކުން ބުނެފައި ވަނީ ލަންކާ ހަނގުރާމައިގެ ފަހު ދުވަސްވަރު، 2009 ވަނަ އަހަރު 11 ކުދިން މެރުމުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވުނު ނޭވީ އިންޓަލިޖެންސް އޮފިސަރު ޗަންދަނާ ޕްރަސާދު ހެޓިއަރައްޗީ އަށް ހިމާޔަތް ދިނުމަށް ވިޖެގުނަރަތުނަ އެހީވެފައިވާ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ ތަމަޅަ މެންބަރަކު 2006 ވަނަ އަހަރު އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައިވާ ހެޓިއަރައްޗީ ވަނީ އޮގަސްޓް މަހު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ތުހުމަތު ކުރަނީ 11 ކުޑަކުދިން މަރާލާފައި ވަނީ ގާނޫނާ ޚިލާފު ބަންދެއްގައި އެ ކުދިން ބޭތިއްބުމަށް ފަހު ކަމަށެވެ. މަރާލި ކުދިންގެ ހަށިތައް ފެނިފައެއް ނުވެ އެވެ.