28 ނޮވެމްބަރ 2018 - 14:15

ނިއު ދިއްލީ (ނޮވެމްބަރު 28) - ޕާކިސްތާނުގައި އޮންނަ ސާކް ސަމިޓުގައި އިންޑިއާ އިން ބައިވެރި ނުވާނެ ކަމަށް ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައި ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަަށް ޕާކިސްތާނުން އިއްޔެ ދިން ދައުވަތާ ގުޅިގެންނެވެ.
"ސާކް ސަމިޓަށް ބޮޑު ވަޒީރަށް ވަނީ ދައުވަތު ދީފައި. ނަމަވެސް ޕާކިސްތާނުން ޓެރަރިސްޓް ހަމަލާތައް ސްޕޮންސާ ކުރުުން ހުއްޓާލުމުން ނޫނީ އިންޑިއާ އިން އެދެވޭ ޖަވާބެއް ނުލިބޭނެ،" ހައިދަރުއާބާދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްވަރާޖް ވިދާޅުވި އެވެ.
ޕާކިސްތާނުގައި 2016 ވަނަ އަހަރު ބާއްވަން ހަމަޖެހުނު ސާކް ސަމިޓް ވެސް އިންޑިއާ އިން ވަނީ ބޮއިކޮޓް ކޮށްފަ އެވެެ. އެ ފަހަރުގެ ސަމިޓުގައި އިންޑިއާ އިން ބައިވެރިނުވާން ނިންމީ ކަޝްމީރު ސަރަހައްދުގައި ދިން ހަމަލާތަކާ ގުޅިގެންނެވެ. އިންޑިއާގެ ނިންމުމާ ގުޅިގެން އަފްޣާނިސްތާން، ބަންގްލަދޭޝް އަދި ބޫޓާނުން ވެސް ވަނީ ސާކް ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް އެ ފަހަރު ބުނެފަ އެވެ.