28 ނޮވެމްބަރ 2018 - 14:00

ދާރުއްސަލާމް (ނޮވެމްބަރު 28) - ހުޅަނގުން ދޭ އެހީއަށް ވުރެ ބޮޑަށް ބޭނުން ވަނީ ޗައިނާގެ އެހީ ކަމަށް ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލި ވިދާޅުވެއްޖެ އެވެ.
ޓެންޒޭނިއާގެ ރައީސް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ޓެންޒޭނިއާގެ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ޑެންމާކުން މި މަހު 15 ވަނަ ދުވަހު ވަނީ ޓެންޒޭނިއާ އަށް ދޭ 9.8 މިލިއަން ޑޮލަރު ސަސްޕެންޑްކޮށްފަ އެވެ.
ޗައިނާ އިން ދަނީ އެފްރިކާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. ބޭނުމަކީ އެފްރިކާގެ ގައުމުތަކުން ހުޅަނގުގެ ނުފޫޒް ކުޑަ ކުރުމެވެ. ކުރިއަށް އޮތް ތިން އަހަރުތެރޭ އެހީ އާއި ލޯނުގެ ގޮތުގައި އެފްރިކާ އަށް 60 ބިލިއަން ޑޮލަރު ދޭނެ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.
"އެހީދޭ އިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެހީގައި ތާށިވެވޭ ފަދަ ޝަރުތުތަކެއް ނެތުން،" ޓެންޒޭނިއާގެ ކޮމާޝަލް ވެރިރަށް ކަމަށްވާ ދާރުއް ސަލާމްގެ މައި ޔުނިވާސިޓީގައި ލައިބްރަރީއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި މަގްފުލީ ވިދާޅުވި އެވެ.
އެ ލައިބްރަރީ ހަދަން ޗައިނާ އިން ވަނީ 40 މިލިއަން ޑޮލަރު ދީފަ އެވެ.
"ޗައިނާ އިން ވަނީ ވަރަށް ގިނަ ގޮތްގޮތުން ޓެންޒޭނިއާގެ ތަރައްގީ އަށް އެހީވެފައި،" މަގްފުލީ ވިދާޅުވި އެވެ.
ޔޫރަޕިއަން ޔޫނިއަން އަކީ އިރުމަތީ އެފްރިކާގެ ގައުމުތަކުގެ އެންމެ ބޮޑު ތަރައްގީގެ ޕާޓްނަރެވެ. އީޔޫ އިން އިރުމަތީ އެފްރިކާ އަށް އަހަރަކު 88 މިލިއަން ޑޮލަރު ދެ އެވެ.