28 ނޮވެމްބަރ 2018 - 14:17

އަސްކޮއި ހައްޖު، އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރަން އުޅެނިކޮށް، އެ މީހުންގެ ޓިކެޓްތަކުގައި މައްސަލަ ޖެހިގެން އެ ދުވަހު ނުފުރުނު 50 މީހުން މިއަދު އުމްރާ އަށް ފުރައިފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިިދިޔަ އާދިއްތަ ދުވަހު އުމްރާ އަށް ފުރަން އުޅުނު މީހުންނަށް އަލުން ޓިކެޓު ނަގައި މިއަދު ހެނދުނު ސްރީލަންކަން އެއާލައިނުން ފުރުވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޓިކެޓް ގަތީ ކޮން ފައިސާއަކުން ކަމެއް ނުބުނެ އެވެ.
އަސްކޮއި ގްރޫޕުން އުމްރާ އަށް ދާ މީހުންގެ ތެރެއިން 168 މީހަކަށް ލިިބިފައިވަނީ ވަގު ޓިކެޓުތަކެކެވެ. ވަގު ޓިކެޓުތަކެއް ކަން އެނގުނީ އާދިއްތަ ދުވަހު އުމްރާ އަށް ފުރަން އޮތް 50 މީހަކު އެއާޕޯޓަށް ދާން އުޅެނިކޮންނެވެ.
އޮފިޝަލް ވިދާޅުވީ އަންނަ މަހު ފުރަން އޮތް 120 މީހުން ވެސް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ފުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އެ ގްރޫޕުން އުމުރާ އަށް ދާ އެންމެންނަށް ޓިކެޓް ގަންނަން ހަވާލުކުރީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލްއާ އެވެ. ސަމްހާ ގްރޫޕުން އެ ޓިކެޓްތައް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ނަމަކަށް ކިޔާ ބައެއްގެ އަތުންނެވެ. އެ ޓިކެޓުތަކުގެ އަގު 1.6 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ފުލުހުން ބުނީ ވަގު ޓިކެޓް ހަދާފައިވަނީ ޑީބީ ޓްރެވަލްސްގެ މުވައްޒަފެކެވެ. އޭނާ އައްޑޫ މަގުން ރާއްޖެ އިން ބޭރަށް ފުރަން އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.