28 ނޮވެމްބަރ 2018 - 13:22

ޖަކާޓާ (ނޮވެމްބަރު 28) - ޖާވާ ކަނޑަށް މިދިޔަ މަހު ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓަކީ ދަތުރު ކުރަން އެކަށީގެން ނުވާ އަދި އެއީ ގްރައުންޓް ކުރަން ޖެހޭ ބޯޓެއް ކަމަށް ތަހުގީގު ޓީމުން ބުނެފި އެވެ.

އޮކްޓޯބަރު 29 ވަނަ ދުވަހު ބޯއިން 737 މެކްސްގެ ބޯޓު ވެއްޓުނީ ޖަކާޓާ އިން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ކުރިން ކުރި ދަތުރުތަކުގައި އެ ބޯޓަށް ވަނީ ޓެކްނިކަލް މައްސަލަތައް ދިމާވެފަ އެވެ.
މެކްސް 737 އަކީ ބޯއިން ކުންފުނީގެ އާ ވާޝަންއެކެވެ. އަދި އެއީ މިހާރު އެންމެ ގިނައިން ވިކެމުންދާ މަރުކާގެ ބޯޓު ވެސް މެ އެވެ.
ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީ (ކޭއެންކޭޓީ) ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ލަޔަން އެއާގެ ބޯޓު ކުރިން ކުރި ދަތުރުތަކުގައި ޓެކްނިކަލް މައްސަލަތައް ދިމާވި ނަމަވެސް އެ ބޯޓު ވަނީ ދަތުރުތަކުގައި ބޭނުންކޮށްފަ އެވެ. ބޯޓު ވެއްޓުމުގެ ކުރިން ދަތުރު ކުރީ ބާލީ އިން ޖަކާޓާ އަށެވެ.
"އެ ދަތުރުގައި ބޯޓަށް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައި. އެކަމަކު ޕައިލެޓް ވަނީ ދަތުރު ކުރަން ބޯޓު ބޭނުންކޮށްފައި،" ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ޗެއާމަން ނުރްކަޔޯ އުޓޮމޯ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ނަޒަރުގައި އެއީ ދަތުރުތަކުގައި ބޭނުން ކުރަން އެކަށީގެންވާ ބޯޓެއް ނޫން،" ތަހުގީގު ޓީމުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޯޓުގެ އެންޓި-ސްޓޯލް އޮޓޮމެޓިކް ސިސްޓަމް ޕައިލެޓުންނަށް އުނދަގޫވެގެން އުޅުނުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިއީ 737 މެކްސްގެ ބޯޓުތަކުގައި އަލަށް ގާއިމްކޮށްފައިވާ ސިސްޓަމެކެވެ.
ބޯޓު ވެއްޓުމުގެ އިރުކޮޅެއް ކުރިން ޕައިލެޓުން ވަނީ އަނބުރާ ޖެއްސުމުގެ ހުއްދައަށް އެދިފަ އެވެ.