28 ނޮވެމްބަރ 2018 - 09:57

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ސީއެޗްއެސްސީގެ ކުރީގެ ޕްރިންސިޕަލް ފާތުމަތު އާމިރާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު 89 ޕަސެންޓް މާކްސް ދީފި އެވެ.
އާމިރާގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓުގައިވާ ގޮތުން އާމިރާއަކީ ސީއެސްސީ އަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއްތޯ ބެލުމަށްޓަކައި ކޮމިޓީގެ މެމްބަރުން މާކްސް ދިނުމުން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް އާމިރާއަށެވެ.
އާމިރާ ވަނީ ސީއެޗްއެސްސީގެ ޕްރިންސިޕަލްކަމުގެ އިތުރުން އެ ސްކޫލްގެ ޓީޗަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތައް ވަނީ ފުރުއްވައިފަ އެވެ. ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު)ގެ އަނބިކަނބަލުން އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
ރިޕޯޓްގައިވާ ގޮތުން، ސީއެސްސީ އަށް އައްޔަން ކުރުމަށް ގާބިލް މީހެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުމުންނެވެ. އާމިރާގެ އިތުރުން ދެ އެހެން މީހަކަށް ވެސް 75 އަށް ވުރެ މަތިން މާކްސް ލިބުނެވެ.
އެގޮތުން، ތ. ހިރިލަންދޫ، ލިލީގޭ އަބްދުއްރަހީމް ހަސަނަށް 83.4 ޕަސެންޓް އަދި މ. ވެލަގަލި މުހައްމަދު މާހިދު ޝަރީފަށް 79.5 ޕަސެންޓު މާކްސް ލިބުނެވެ. އެހެންކަމުން، މި ތިން ބޭފުޅުންނާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. އެކަމަކު، މަޖިލީހުގެ ތަޅުމުން ފާސްކުރާނީ މީގެ ތެރެއިން ކޮންމެވެސް އެއް ނަމެކެވެ.
ސީއެސްސީ އަށް މެމްބަރަކު އައްޔަން މި ކުރަނީ އެ ކޮމިޝަންގެ މެމްބަރަކަށް މިހާރު ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ މުއްދަތު މި މަހު ފަހުކޮޅު ހަމަވާތީ އެވެ. ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލި 13 މީހެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ.
އެހެން މިނިވަން މުއައްސަސާތަކާ ތަފާތުކޮށް، ސީއެސްސީ އަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ރައީސްގެ ދައުރެއް ނޯވެ އެވެ. ސީއެސްސީ އަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުންނެވެ.