ބޮން ގޮއްވި ފުޓްބޯޅަ ސަޕޯޓަރު 14 އަހަރަށް ޖަލަށް!
ބޮން ގޮއްވި ފުޓްބޯޅަ ސަޕޯޓަރު 14 އަހަރަށް ޖަލަށް!

ބާލިން، ޖަރުމަން (ނޮވެމްބަރު 28) - މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މޮނާކޯއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ބޮރޫޝިއާ ޑޯޓްމަންޑް ޓީމު ބަހުގައި ދަނޑަށް ދަނިކޮށް ހިނގި ބޮން ގޮއްވުމުގެ ހާދިސާ ރާވައި، އެކަން ކުރުމުގެ ކުށް ސާބިތުވި ސަޕޯޓަރު 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑޯޓްމަންޑް ޓީމުގެ ކުޅުންތެރިން ބަހުގައި މޮނާކޯއާ ދެކޮޅަށް މެޗު ކުޅެން ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކަށް ދިޔަ މަގުމަތީގައި ތިން ބޮމެއް ގޮއްވާލުމުގައި އިސްކޮށް އުޅުނީ ރަޝިއާގެ ރައްޔިތެއް ކަމަށްވާ ސާގޭއި ވާނެގޯލްޑް އެވެ. އުމުރުން 28 އަހަރުގެ ސާގޭއިގެ މައްޗަށް 14 އަހަރުގެ ހުކުމެއް ކުރީ 11 މަސް ދުވަސް ވަންދެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ފަހު އެވެ. އޭނާ ހައްޔަކުރީ ހާދިސާ ހިނގިތާ 10 ދުވަސް ފަހުންނެވެ.

ޖަރުމަނުގެ ކޯޓަކުން މި މައްސަލަ ބެލި ފަޑިޔާރު ޕީޓާ ވިންޑްގައޭޓާ ބުނީ ސާގޭއިގެ ވިސްނުން ހުރީ ޓިމުގެ ބަހުގައި ދަތުރުކުރި ބައެއް މީހުން މަރާލުމަށާއި އޭގެ ސަބަބުން ޑޯޓްމަންޑްގެ ހިއްސާތައް ހިއްސާގެ ބާޒާރުގައި އަގު ދަށްކޮށް އެ ކަމަށް ބެޓްކޮށްގެން ފައިދާ ހޯދުމަށް ކަމަށެވެ.

ބޮން ގޮއްވުމުގެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ޑޯޓްމަންޑަށް ކުރިން ކުޅުނު ސްޕެއިނުގެ ޑިފެންޑަރު މާކް ބާޓްރާ އަށެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ބާޓްރާ ވަނީ އެ ހާދިސާ އަށް ފަހު ނަފްސާނީ ޑޮކްޓަރެއް ކައިރިން އެއް މަސް ވަންދެން ފަރުވާ ހޯދައިފަ އެވެ.

ކަރަންޓުގެ މަސައްކަތްތައް ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކުރި ސާގޭއި އެންމެ ފުރަތަމަ މަސައްކަތްކުރީ ބޮން ގޮއްވުމުގެ އަމަލަކީ ޖަރުމަނުގައި އުޅޭ އަފްގާނިސްތާނުގެ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުން ކުރި ކަމެއް ގޮތަށް ދެއްކުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭގެ އެއްވެސް ކަމެއް ސާގޭއިގެ ވަކީލަށް ކޯޓުގައި ސާބިތުކޮށް ނުދެވި އޮއްވައި މި އަހަރުގެ ޖެނުއަރީގައި ސާގޭއި ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

ކޯޓުގައި ސާގޭއީއާ ދެކޮޅަށް ހެކި ބަސް ދިން ކުޅުންތެރިންގެ ތެރޭގައި ޖަރުމަނު ގައުމީ ޓީމުގެ މަޓިއަސް ގިންޓާ ހިމެނެ އެވެ. އެ ހާދިސާ ހިނގި ދުވަހު ޓީމު ކޭމްޕް ކޮށްފައި އޮތް ހޮޓަލުން ސާގެއި ގޮސް ކުޅުންތެރިންނަށް ފާރަލީ ކަމަށް ގިންޓާ ބުންޏެވެ.

ބޮން ގޮއްވުމުގެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން އެ މެޗު ކުޅުނުއިރު ޑޯޓްމަންޑް ވަނީ މޮނާކޯ އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު ޑޯޓްމަންޑްގެ އޭރުގެ ކޯޗު މިހާރު ޕީއެސްޖީއާ ހަވާލުވެހުރި ތޯމަސް ޓުޗެލް ވަނީ ދިމާވި ހާދިސާއިން ލިބުނު ނަފްސާނީ ބިރުވެރިކަމުން އަރައިގަންނަން އެކަށީގެންވާ ވަގުތު ނުދީ މެޗު ކުޅެން ނިންމުމުން ޔުއެފާ އަށް ފާޑުކިޔައިފަ އެވެ.