27 ނޮވެމްބަރ 2018 - 22:17

ތަރައްގީ ކުރާ ރިސޯޓުތަކުގެ މައުލޫމާތުތައް ތިން އަހަރަށް ފަހު ޓޫރިޒަމް މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، 133 ރިސޯޓެއް އަންނަނީ ތަރައްގީ ކުރަމުންނެވެ. އަދި ހޮޓަލާއި ގެސްޓްހައުސްގެ ގޮތުގައި 17 ތަނެއް އަންނަނީ ތަރައްގީ ކުރަމުންނެވެ.
މި މައުލޫމާތުތަކަކީ ޓޫރިޒަމް މިނިސްޓްރީން 2015 އާ ހަމައަށް ވެބްސައިޓްގައި ގަވާއިދުން ހާމަކުރަމުންދިޔަ މައުލޫމާތުތަކެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހްމަދު އަބީރު އިސްމާއިލް ވިދާޅުވީ، އޭރު އެ މައުލޫމާތުތައް ހާމަކުރުން ހުއްޓާލީ މިނިސްޓްރީގެ ސިޔާސަތަށް އާއި ބަދަލަކާ ގުޅިގެން ކަމަށެވެ.
މިނިސްޓަރުކަމާ ހަވާލުވެ ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ، ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ދެފުށްފެންނަ އުސޫލުން، މައުލޫމާތުތައް އާއްމުންނަށް ހާމަކޮށްގެން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އަންނަނީ ރިސޯޓްތައް ތަރައްގީ ކުރަމުންނެވެ. ލިސްޓުގައިވާ ގޮތުން އެންމެ ގިނަ ރިސޯޓްތައް ތަރައްގީ ކުރަމުންދަނީ ކ އަތޮޅުގަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ރިސޯޓް ތަރައްގީ ކުރަނީ ރ. އަތޮޅުގަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ރިސޯޓް ތަރައްގީ ކުރަނީ ގއ. އަތޮޅުގަ އެވެ.
ހއ: 1 ރިސޯޓާއި 3 ގެސްޓް ހައުސް
ހދ: 2 ރިސޯޓް
ށ: 4 ރިސޯޓް
ނ: 7 ރިސޯޓް
ރ: 15 ރިސޯޓާއި ގެސްޓް ހައުސްއެއް
ބ: 10 ރިސޯޓް
ޅ: 7 ރިސޯޓް
ކ: 38 ރިސޯޓާއި 5 ގެސްޓް ހައުސް
އއ: 3 ރިސޯޓް
އދ: 4 ރިސޯޓާއި ގެސްޓް ހައުސްއެއް
ވ: 5 ރިސޯޓާއި 3 ގެސްޓް ހައުސް
މ: 3 ރިސޯޓް
ފ: 2 ރިސޯޓް
ދ: 4 ރިސޯޓް
ތ: 4 ރިސޯޓް
ލ: 6 ރިސޯޓް
ގއ: 13 ރިސޯޓް
ގދ: 3 ރިސޯޓާއި ގެސްޓް ހައުސް
ސ: 3 ރިސޯޓާއި 2 ގެސްޓް ހައުސް
މި މަޝްރޫއުތަކުގެ ތެރެއިން 54 ރިސޯޓެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ތަރައްގީ ކުރުމުންދާ ރިސޯޓުތަކުގެ އިތުރުން 140 ރިސޯޓް މިހާރު ވެސް ރާއްޖޭގައި ހިންގަ އެވެ. ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް އަންނަނީ ދެމުންނެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މިދިޔަ މަހު ރާއްޖެ އަށް ވަނީ 1،207،852 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 1،125،995 ޓޫރިސްޓުންނެވެ.