އަދީބު ގެއަށް ބަދަލުކުރަން ހުއްދަ ދީފި
އަދީބު ގެއަށް ބަދަލުކުރަން ހުއްދަ ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް އަދީބު ގެއަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިިން ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މިކަމާ ބެހޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

މީގެ ދެ ހަފުތާ ކުރިން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ކުރި އޮޕަރޭޝަނަށް ފަހު، ގެއަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި އެޗްއާރުސީއެމުން ލަފާ ދީފައިވާ ކަމަށް އަދީބުގެ އާއިލާ އިން ވަނީ ބުނެފަ އެވެ. ނަޝްވާ އޭރު ވިދާޅުވީ އަދީބުގެ އޮޕަރޭޝަނަށް ފަހު އެތެރެހަށީގެ ޔޫރެޓްރާއަށް ސްޓެންޓެއް ލައްވާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު، އިންފެކްޓުވެ ހުން އައުމާ ގުޅިގެން އެންޓިބަޔޮޓިކްސް ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސީސްޓުތަކެއް ވަނީ އުފެދިފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށް ވެސް އަދީބަށް ފަރުވާދެ އެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބު މިހާތަނަށް ޖަލުގައި ތިން އަހަރަށްވުރެ ގިނަ ދުވަސް ވަނީ ހޭދަ ކުރައްވައިފަ އެވެ. ޖަލުގައި ހުންނެވި ދުވަސްވަރު އޭނާ އަށް ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެން ރާއްޖޭން ބޭރަށް ފޮނުވުމަށް އާއިލާ އިން ތަކުރާރުކޮށް އެދުނެވެ.

ނަމަވެސް ކުރީގެ ސަރުކާރުން ވަނީ އަދީބު ރާއްޖެ އުން ބޭރަށް ފޮނުވުމަށް ދެކޮޅު ހަދައިފަ އެވެ.