27 ނޮވެމްބަރ 2018 - 18:53

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމު އައިޝަތު ސާޖިނާ އަދި އެންމެ މޮޅު ފިރިހެން ފެތުންތެރިއާގެ މަގާމު މުބާލް އައްޒާމް ހޯދައިފި އެވެ.

ސާޖިނާ އާއި މުބާލް ވަނީ މީގެ ކުރިން ވެސް ސްވިމިން އެސޯސިއޭޝަން އިން ދޭ މި އެވޯޑް ހާސިލްކޮށްފަ އެވެ. މުބާލާއި ސާޖިނާ މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި އޮލިމްޕިކް ސޮލިޑަރިޓީގެ ސްކޮލަޝިޕްގެ ދަށުން ރާއްޖެ އިން ބޭރުގަ އެވެ.
މި އަހަރު އިންޑޮނީޝިއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލި ސާޖިނާ ވަނީ މިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އަށް ވަނީ މި އަހަރު "މިހާރު އެވޯޑްސް"ގެ އިންޑިވިޖުއަލް ކެޓަގަރީން ތިން ވަނަ ލިބިފަ އެވެ. އަދި އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނު މުބާލް ވަނީ "މިހާރު އެވޯޑްސް" ގެ އެންމެ އުއްމީދީ ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފަ އެވެ.
ވޭތުވެދިޔަ އަހަރުގައި މުބާލާއި ސާޖިނާ ވަނީ ރާއްޖޭގެ ގިނަ ފެތުމުގެ ރެކޯޑްތަކެއް ހަދައިފަ އެވެ. މުސްތަގުބަލަށް ބަލާއިރު މި ދެ ފެތުންތެރިންނަކީ ކުރިއަށް އޮތް އަހަރުތަކުގައި ގިނަ މުބާރާތްތަކެއްގައި ވާދަކުރާނެ ދެ ފެތުންތެރިންނެވެ. ބައިނަލްއަގްވާމީ ލެވެލްގައި މި ދެ ފެތުންތެރިން އަންނަނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ކުރިއެރުން ހޯދަމުންނެވެ.
ފެތުމުގެ އެހެން އެވޯޑްތަކަށް ބަލާއިރު ސީނިއާ ގްރޫޕް ބައިންނާއި ރާއްޖޭގައި ބޭއްވުނު މުބާރާތްތަކުގެ އެންމެ މޮޅު އަންހެން ފެތުންތެރިއަކަށް ހޮވުނީ އައިމިނަތު ސަޖަން އެވެ. އެ ފިރިހެން ބައިން އެއް ވަނަ ހާސިލްކުރީ މުބާލް އެވެ. ޖޫނިއާ ބައިން އެއް ވަނަ އަންހެން ފެތުންތެރިއަކަށް އައިޝަތު ހުލްވާ ހުލައިލް ހޮވުނުއިރު، ފިރިހެން ބައިގެ އެއް ވަނަ އަކީ ހުސެއިން ހާއިޝް ހަސަން އެވެ.