ރިލްވާންގެ މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަލީ ވަހީދު ބަޔާން ދެއްވައިފި
ރިލްވާންގެ މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަލީ ވަހީދު ބަޔާން ދެއްވައިފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަަލައިގެ ތަހުގީގަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް މިއަދު ހާޒިރުވެވަޑައިގެން ބަޔާން ދެއްވައިފި އެވެ.

އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ އަލީ ވަހީދުގެ އިތުރުން ވެސް އެ މައްސަލައިގެ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

ގެއްލިފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ބޭރުގެ ޖަމިއްޔާތަކާއި ފަންނީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށް ސުއޫދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި އެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ކޮމިޝަން އުފެއްދީ، ޖަނަވަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ބެލުމަށެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުނު ފަހުން އޭނާއަށް ވީގޮތެެއް މިއަދާ ހަމައަށް ވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަން އެކުލަވާލެއްވުމަށް ފަހު ސުއޫދުގެ އިތުރުން މެންބަރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ނޫސްވެރިޔާ މިސްބާހު އައްބާސް އާއި އަބްދުﷲ މުނާޒްގެ އިތުރުން އާދަމް އިބްރާހިމެވެ.