27 ނޮވެމްބަރ 2018 - 16:50

ކޮލަމްބޯ (ނޮވެމްބަރު 27) - ލަންކާ ޕާލަމެންޓުގެ މިއަދުގެ ބައްދަލުވުން ސަރުކާރު މެންބަރުން ބޮއިކޮޓް ކޮށްފި އެވެ.
މިއަދު މެންދުރު ފަހު ޕާލަމެންޓުގެ ބައްދަލުން ފެށި އިރު ސަރުކާރަށް ތާއީދު ކުރާ އެއްވެސް މެންބަރަކު ޗެމްބަރަށް ވަޑައިނުގަންނަވަ އެވެ. ނަމަވެސް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވަނީ އެޖެންޑައިގައިވާ ގޮތަށް ކުރިއަށް ވަޑައިގެންފަ އެވެ.
ސަރުކާރަށް ތާއިދުކުރާ މެންބަރުން މިއަދު ބައްދަލު ކުރުމަށް ފަހު ވަނީ ޕާލަމެންޓް ސެޝަންގައި ބައިވެރިނުވަން ނިންމައިފަ އެވެ. މިނިސްޓަރެއް ކަމަށްވާ ޑިނެޝް ގުނަވަރްދަނާ ވިދާޅުވީ ޕާލަމެންޓުގެ ރައީސް ޖަޔަސޫރިއާ، ސަރުކާރު ގަބޫލް ކުރަންދެން ބައްދަލުވުންތައް ބޮއިކޮޓް ކުރަން ސަރުކާރުގެ މެމްބަރުން ނިންމާފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި އޮތް ޕާލަމެންޓުގެ ބައްދަލުވުންތަކުގައި ސަރުކާރުގެ މެންބަރުން ބައިވެރިވި ނަމަވެސް ފަހުން ވަނީ ބައްދަލުވުންތައް ދޫކޮށް ނުކުމެވެފަ އެވެ.
ޕާލަމެންޓުގެ ރައީސް ވަނީ މަހިންދާ ރާޖަޕަކްސާގެ ސަރުކާރު ގަބޫލް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޕާލަަމެންޓުގެ ރައީސް އެގޮތަށް ނިންމަވާފައި ވަނީ ރާޖަޕަކްސާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު އެވެ.
ޕާލަމެންޓުގެ ރައީސް ޖަޔަސޫރިއާ ވިދާޅުވެފައި އޭނާ އަމަލު ކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ބަޔަކު ޕާލަމެންޓަށް ވައްދާ އިތުބާރު ނެތްކަމުގެ ވޯޓަށް ތައްޔާރަށް ހުންނެވި ކަމަށެވެ.