އިޖުތިމާއީ ސިޔާސަތާ ބެހޭ ޚާއްސަ މުޝީރުކަން ޑރ. މުސްތަފާއަށް
އިޖުތިމާއީ ސިޔާސަތާ ބެހޭ ޚާއްސަ މުޝީރުކަން ޑރ. މުސްތަފާއަށް

ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޑރ. މުސްތަފާގެ އިތުރުން މިނިސްޓަ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް ޝިފާޒް އަލީ ވެސް މިއަދު އައްޔަން ކުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މިއީ އެ މިނިސްޓްރީއަށް އައްޔަން ކުރެއްވި ދެވަނަ ސްޓޭޓް މިނިސްޓަރެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރުގެ މަގާމު ވެސް އެ ވެރިކަމުގެ ދުވަސްވަރު ފުރުއްވައިފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފި އެވެ. އަދި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަން ކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ހުށަހެޅުމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް، ރައީސް މިހާރު ވަނީ ފުރުސަތު ދެއްވައިފަ އެވެ. އަދި ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން މިހާރު ވަނީ، އެ މަގާމްތަކަށް އައްޔަން ކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައީސަށް ފޮނުވައިފަ އެވެ.