މިދުވަސްވަރު ޝާހްރުކަށް ވުރެ ސަލްމާން މަޝްހޫރު: ރާމް ގޯޕާލް ވަރުމާ
މިދުވަސްވަރު ޝާހްރުކަށް ވުރެ ސަލްމާން މަޝްހޫރު: ރާމް ގޯޕާލް ވަރުމާ

ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ އަކީ ހިތަށް އެރި އެއްޗެއް ހިތަށް އެރި މީހަކާ ދިމާލަށް ބުނެލަން ފަސްޖެހޭ މީހެއް ނޫނެވެ. މިކަން ވަރަށް ރަނގަޅަށް ހާމަވީ ސަލްމާން ޚާނަކީ މިހާރު ޝާހްރުކް ޚާނަށް ވުރެ މާ ވިދާ ތަރިއެއް ކަމަށް ބުނެ އޭނާ ދެއްކި ވާހަކައިންނެވެ.

"ސަލްމާނަކީ މިހާރު ޝާހްރުކަށް ވުރެ މާ އަލިގަދަ ތަރިއެއް. ތަރިންގެ އަލިގަދަކަން ހާމަވަނީ އެ ތަރިންގެ ފިލްމަށް ލިބޭ ފައިދާއިން. އެންމެ ފަހު ތިން ފިލްމުން އެންމެ ގިނަ ފައިސާ އެއްކުރެވިފައިވާ ތަރިއަކީ އެންމެ އަލިގަދަ އަދި އެންމެ ބޮޑު ސުޕަސްޓާ،" ރާމޫ ބުނެފައިވެ އެވެ.

ޝާހްރުކް ކުޅެން ޚިޔާރުކުރާ ފިލްމުތައް ކަމުނުދާ ކަމަށް ބުނެ ރާމޫ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޝާހްރުކަށް ވަރަށް ބޮޑަށް ފާޑުކިޔައި ރާމޫ ކުރި ޓުވީޓްތަކަކާ ގުޅިގެން މުޅި ފިލްމު އިންޑަސްޓްރީ ގުގުމާލި އެވެ.

ރާމޫގެ ވާހަކަތަކަށް ޝާހްރުކް ދޭ ޖަވާބެއް އަޑުއަހަން ފިލްމު އިންޑަސްޓްރީގެ މީހުން ބޭނުންވިޔަސް ޝާހްރުކް އަދި މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝާހްރުކްގެ ވެސް އަދި ސަލްމާންގެ ވެސް ކުރިޔަށް ރިލީޒްވާން ފިލްމުތަކެއް ހުރި ކަމެވެ. ޝާހްރުކްގެ އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ އާލިއާ ބަޓްއާ އެކު އޭނާ ކުޅެފައިވާ ޑައިރެކްޓަރު ގޯރީ ޝިންޑޭގެ އަދި ވަކި ނަމެއް ހަމަނުޖެހޭ ފިލްމެވެ. މި ފިލްމު އޮކްޓޯބަރު ހިސާބުގައި ރިލީޒްކުރާނެކަމަށް ބެލެވެ އެވެ.

ސަލްމާންގެ "ސުލްތާން" ފިތުރު އީދުގައި ރިލީޒްކުރަން ތައްޔާރުވަމުން ދާއިރު ފިލްމުގެ ފުރަތަމަ ޓްރެއިލާއާ އެކު ވެސް މީހުންތައް ފިލްމު ބަލާހިތުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. އެންމެ ދުވަހެއްގެ ތެރޭގައި މި ޓްރެއިލާއަށް ފަސް މިލިއަނަށް ވުރެ ގިނަ ހިޓްސް ޔޫޓިއުބުން ލިބިފައިވެ އެވެ.
ރާމް ގޯޕާލް ވަރުމާ މިދުވަސްވަރު އުޅެނީ "ވީރައްޕަން" ޕްރޮމޯޓްކުރުމުގަ އެވެ.