27 ނޮވެމްބަރ 2018 - 16:13

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ. '

މިހާތަނަށް، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޖުނައިދު "މިހާރު" އަށް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މީދޫ/މަރަދޫ ދާއިރާއަށް ވާދަކުރައްވާ އިމާދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވުމަށް ކަމަށެވެ. އަދި އޭނާއާ އެކު ވަރަށް ގިނަ ބަޔަކު އެމްޑީޕީއަށް ސޮއިކުރަމުން އަންނަ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޭނުމަކީ އިމާދު ސޯލިހަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްދިނުން. އަޅުގަނޑު ދެކޭގޮތުގައި މީދޫ ދާއިރާގެ ގޮނޑީގައި އިންނަން ވާނީ މީދޫ ދާއިރާގެ ދަރިއެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަކުރެވުނު ޖުނައިދު ވިދާޅުވި އެވެ.
ޖުނައިދު، އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ ވެސް އިމާދެވެ.
ކަސްޓަމްސްގެ އިސްވެރިޔާގެ މަގާމަށް ޖުނައިދު އައްޔަން ކުރެއްވީ ޔާމީންގެ ސަރުކާރުން ކަމަށް ވިޔަސް އޭނާ އަދި މަގާމުން އިސްތިއުފާއެއް ނުދެއްވަ އެވެ. ޖުނައިދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި ސަރުކާރުން އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
ކަސްޓަމްސްގެ ގާނޫނު ބުނާ ގޮތުން، ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައި ވަކި ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެންމެ ރީތި ގޮތަކީ، ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވީމާ އެ ބޭފުޅަކާ ހުރިހާ ކަމެއް ހަވާލު ކޮށްފައި އަޅުގަނޑު ދިއުން. އެއީ އެންމެ ރީތި ގޮތް. އެހެންވީމާ މި މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން އަޅުގަނޑު ހުންނާނަން،" ޖުނައިދު ވިދާޅުވެފައި ވެ އެވެ.
ޖުނައިދާއި ޔާމީނަކީ ކުރިއްސުރެ ވަރަށް ގާތް ދެބޭފުޅުން ކަމަށް ވިޔަސް ފަހަކަށް އައިސް އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޚާއްސަކޮށް މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ޖުނައިދުގެ އެހީތެރިކަމެއް ޔާމީން ނުހޯއްދަވާކަން ފާހަގަކުރެވެ އެވެ.