27 ނޮވެމްބަރ 2018 - 15:16

ރާއްޖޭގައި މަރުގެ އަދަބު ދިނުން މީގެ 65 އަހަރު ކުރިން ހުއްޓާލާފައި އޮތް އޮތުން، އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ ގަރާރުގެ ދެލި ކޮޕީ އަށް ރާއްޖޭން އާނބަސް ބުނެ ވޯޓު ދޭން ނިންމާފައިވާ ކަމަށެވެ. "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަމުގައި އެކުލަވާލާފައިވާ އެ ދެލިކޮޕީ އަށް ރާއްޖޭން ވޯޓު ދޭން ނިންމިކަން އިއުލާންކުރީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރި އަށް ދާ އދ.ގެ އިންސާނީ ހައްގުތަކުގެ ކޮމިޝަންގެ ސެޝަންގަ އެވެ.
މި ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމެވެ.
މަރުގެ އަދަބު ދިނުން ރާއްޖޭން ހުއްޓާލާފައި އޮންނަތާ ގިނަ އަހަރުތަކެއް ފަހުން، އެ އަދަބު އަލުން ތަންފީޒު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި އެވެ. އަދި އެ ކަމަށްޓަކައި ގާއިމްކުރަން ޖެހޭ ވަސީލަތްތައް ވެސް ވަނީ މާފުށީ ޖަލުގައި ގާއިމްކޮށްފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު އެ އަދަބު ތަންފީޒެއް ނުކުރެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު އަލުން ދޭން ފަށަން އޭރު ނިންމުމުން، ދުނިޔޭގެ ބައެއް ގައުމުތަކާއި އދ. އާއި ޔޫރަޕިއަން ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރި އެވެ.
މަރުގެ އަދަބު ދިނުމަށް ޝަރުއީ ހުރިހާ މަރުހަލާތަކުން ހުކުމް އިއްވާފައިވާ ތިން މީހަކު މި ވަގުތު ވެސް ޖަލުގައި އެބަތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހްމަދާއި ވަކީލު އަހްމަދު ނަޖީބްގެ ގާތިލް އަހްމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.