އުމުރު ކަނޑައަޅާ ބިލް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި
އުމުރު ކަނޑައަޅާ ބިލް ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި

އުމުރުން 65 އަހަރަށް ވުރެ ދަށުގެ މީހަކަށް ނޫނީ ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު، ކުރިން އޮތް ގޮތަށް އިއާދަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، އިތުރަށް ދިރާސާ ކުރުމަށްޓަކައި ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުވައިފި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އެ ބިލަށް މިއަދު ބަހުސް ކުރެއްވުމަށް ފަހު އެ ބިލް ވަގުތީ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.

އެ ހުށަހެޅުން ފާސްކުރީ އެ ވަގުތު ހާޒިރުވެ ތިއްބެވި 56 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިން މެމްބަރުން ތިއްބެވި އެވެ.

ބިލް ދިރާސާ ކުުރުމަށް އެކުލަވައިލި ކޮމިޓީގައި ހިމެނެނީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ، މަތިވެރި ދާއިރާގެ ހުސައިން މުހައްމަދު، ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރު އަދި އިސްދޫ ދާއިރާގެ އަހްމަދު ރަޝީދެވެ. ކޮމިޓީގައި އެ މެމްބަރުން ހިމަނަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ރައީސް ކަމަށް ކުރިމަތި ލެވޭނީ 65 އަހަރުން ދަށުގެ މީހުން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް ބަދަލު ގެނައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިރުގަ އެވެ. އެކަން ކުރިން އޮތް ގޮތަށް ބަދަލުކުރަން މިހާރު ހުށަހަޅައިގެން އުޅެނީ ވެސް ޕީޕީއެމުންނެވެ. ގާނޫނުއަސާސީ އަށް އެ ބަދަލު ގެނައީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތް ހަދަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.

ކުރިން އޮތް ގޮތަށް އެ މާއްދާ ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ހުށަހެޅި ބިލްގެ ބަހުސް މިއަދަށް އެޖެންޑާ ކުރުމުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން އެކަމަށް ފާޑު ވިދާޅުވި އެވެ.

އެ މެމްބަރުން ވިދާޅުވީ އެ ބަދަލު ގެންނަން އަދި ފަސް އަހަރު ދުވަސް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ މި ވަގުތަށް މުހިއްމީ ރައްޔިތުންނާ ސީދާ ގުޅުުން ހުރި ކަންތައްތަކަށް މަޖިލީހުގެ ވަގުތު ހޭދަކުރުން ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލުގެންނަން ވާނީ ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން ކުރަންވީ ސީދާ ރައްޔިތުންނާ ގުޅޭ ކަންކަން. މިހެން ބަދަލުތައް އަންނަމުން ދާއިރު އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވެސް މަޝްވަރާ ކުރެވިގެން ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ރަނގަޅު ތަރުތީބަކުން ހަރުދަނާ އުސޫލަކުން މިކަން ކުރުން،" އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ބިލެއްގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ އެހާ ފަސޭހަ އިން ކުރާ ކަމަކަށް ވެގެންނުވާނެ ކަމަށެވެ. ގާނޫނުއަސާސީ އަށް އެ ބަދަލު ގެނައުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އޮތް ކަަމަކަށް ވާތީ އިރުއިރުކޮޅާ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ހުށަހަޅަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހީމް ވެސް، އެ ބިލުގެ މަސައްކަތް އެޖެންޑާ ކުރުމުން ފާޑު ވިދާޅުވި އެވެ.

އެ މެމްބަރުންގެ ފާޑު ކިއުންތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ އެ ބިލް އެޖެންޑާ ކުރީ މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން މިހާރު ހުރި ކަންތައްތައް ނިންމުމަށް ކަމަށެވެ. އަދި ވިދާޅުވީ އެކަމާ މެދު ޕާޓީތަކާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.