27 ނޮވެމްބަރ 2018 - 12:30

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 27) - މެލޭޝިއާ އެއާޕޯޓުގައި ހަތް މަސް ވަންދެން ދިރިއުޅުނު ސީރިއާ މީހާ އަށް އެންމެ ފަހުން ކެނެޑާ އިން ސިޔާސީ ހިމާޔަތް ދީފި އެވެ.
ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރާންސިޓް ސެކްޝަނުގައި ދިރިއުޅެމުން ދިޔަ ހަސަން އަލް ކަންތާރުގެ މައްސަލަ ސަމާލު ކަމަށް އައިސްފައި ވަނީ މި އަހަރު ކުރީކޮޅު އޭނާ ޕޯސްޓް ކުރަން ފެށި ވީޑިއޯތަކަކުންނެވެ. އޭނާ ސީރިއާ އިން ނުކުތީ ސިފައިންގެ ޚިދުމަތަށް ފިލަން ވެގެންނެވެ. އޭގެ ފަހުން އެ ގައުމުގައި ހަނގުރާމަ ފެށުމުން އެނބުރި ދިއުމަށް ދާން ވަނީ ދެކޮޅު ހަދައިފަ އެވެ.
އުމުރުން 37 އަހަރުގެ ކަންތާރު ވޭތުވެދިޔަ ދެ މަސް ހޭދަކުރީ މެލޭޝިއާގެ ޖަލެއްގަ އެވެ. ނަމަވެސް ކަންތާރުގެ ކެނެޑާގެ ސްޕޮންސަރުން މިހާރު ވަނީ އޭނާ ވެންކޫވާ އަށް ގެންގޮސްފަ އެވެ. ރެފިއުޖީއެއްގެ ގޮތުގައި އޭނާ ކެނެޑާ އަށް ގެންދަން އެހީތެރިވެދީފައި ވަނީ ބްރިޓިޝް ކޮލަމްބިއާ މުސްލިމް އެސޯސިއޭޝަން އާއި ކެނެޑާ ކެއާރިން ސޮސައިޓީންނެވެ. އެ ދެ ޖަމާއަތުން ބުނެފައި ވަނީ ކަންތާރު ކެނެޑާ ގެންދަން އެހީތެރިވެދީފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ހަދިޔާ ކުރި ފައިސާ އިން ކަމަށެވެ.
ނަމަވެސް ކެނެޑާގެ ފެޑެރަލް އިމިގްރޭޝަން ޑިޕާޓްމަންޓުން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސީރިއާގައި 2011 ވަނަ އަހަރު ހަނގުރާމަ ފެށުނު އިރު ކަންތާރު މަސައްކަތް ކުރީ ޔޫއޭއީގެ އިންޝުއަރެންސް ކުންފުންޏެއްގަ އެވެ. އޭނާގެ ޕާސްޕޯޓް އާ ނުކުރެވުނީ އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައި ނުވާތީ އެވެ. އެއީ މަޖްބޫރު ކަމެކެވެ. އެހެންވެ ހައްޔަރުކޮށްފާނެތީ އެނބުރި ސީރިއާ އަށް ދާން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. އެހެންވެ ގަވާއިދާ ޚިލާފަށް އޭނާ ޔޫއޭއީގައި މަޑުކުރި އެވެ. އެކަމަކު 2016 ވަނަ އަހަރު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަށް 2017 ވަނަ އަހަރު ޕާސްޕޯޓެއް ލިބުނު ނަމަވެސް ވަނީ މެލޭޝިއާ އަށް ޑިޕޯޓްކޮށްލައިފަ އެވެ. މެލޭޝިއާ އަކީ ސީރިއާ މީހުންނަށް ހިލޭ ވިސާގައި އެތެރެވެވޭ މަދު ގައުމުތަކުގެ ތެރޭން ގައުމެކެވެ. މެލޭޝިއާ އިން ކަންތާރަށް ވަނީ ތިން މަސް ދުވަހުގެ ޓޫރިސްޓް ވިސާ ދީފަ އެވެ.
ތިން މަސް ހަމަވުމުން އޭނާ ވަނީ ތުރުކީ އަށް ދާން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ބޯޑިން ކުރެވޭ ގޮތެއް ނުވި އެވެ. އޭނާ ކެމްބޯޑިއާ އަށް ދިޔަ ނަމަވެސް އެ ގައުމަށް ވެސް އެތެރެކޮށް ނުދިމުން އަނބުރާ މެލޭޝިއާ އަށް ދިޔައީ މާޗް 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އެއާޕޯޓުގެ އެރައިވަލް އޭރިޔާގަ އެވެ. އެއާލައިންތަކުގެ ސްޓާފުން އޭނާ އަށް ކާންދީ ހަދަ އެވެ.