27 ނޮވެމްބަރ 2018 - 12:47

އެމެރިކާގައި އެއް ދުވަހުގެ ތެރޭގައި އޮންލަައިން މެދުވެރިކޮށް ކުރި ވިޔަފާރި ރެކޯޑް އަދަދަކަށް މައްޗަށް ގޮސް 7.9 ބިލިއަން ޑޮލަރަށް އަރައިފި އެވެ.
މި މިންވަރަށް މިދިއައީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އިލެކްޓްރޯނިކް ސާމާނުން ޑިސްކައުންޓް ޕްރޮމޯޝަން އިތުރު ކުރުމާ ގުޅިގެންނެވެ.
އޮންލައިންކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއްކުރާ އެޑޯބް އެނަލިޓިކްސް އިން ބުނީ ހޯމަ ދުވަހު ވިޔަފާރި އެންމެ ބޮޑަށް ކޮށްފައިވަނީ އެމެރިކާގެ އެންމެ ފާހަގަކޮށްލެވޭ 80 ރީޓެއިލަރުންގެ ކުންފުނިތަކުން ކަމަށެވެ. އެންމެ ގިނަ ވިޔަފާރި ކޮށްފައިވަނީ ދަންވަރުގެ ވަގުތުގަ އެވެ. އެގޮތުން އެ ދުވަހުގެ ދަންވަރު ކުރި ވިޔަފާރީގެ މިންވަރު ވަނީ 100 މިލިއަން ޑޮލަރަށް އަރާފަ އެވެ.
"ބައެއް ފަރާތްތަކުން ވިޔަފާރި ކުރުމަށް މަޑުކުރީ އެންމެ ފަހު ވަގުތަށް. ރޭގަނޑުގެ 9:00 އިން 12:00 އާ ދެމެދުގައި އެންމެ ބޮޑު އާމްދަނީއެއް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ލިބުނީ،" އެޑޯބް ޑިޖިޓަލް އިންސައިޓްގެ ޑިރެކްޓަރު ޓެއިލާ ޝްރެއިނާ ވިދާޅުވި އެވެ.
އެމެރިކާގައި އޮންލައިން ވިޔަފާރި ހިންގާ މަޝްހޫރު ކުންފުނިތައް ކަމަށްވާ ޓާގެޓް ކޯޕް އާއި އެމެޒޯން އިން ވަނީ މިދުވަސްވަރާ ދިމާކޮށް ފްރީ ޑެލިވަރީ އާއި ޑިސްކައުންޓް ޕްރޮމޯޝަންތައް ފަށައިފަ އެވެ. އެގޮތުން އެ ކުންފުނިތަކުގެ ވިޔަފާރިވަނީ 20 ޕަސެންޓް މައްޗަށް އަރައިފަ އެވެ. މީގެ އިތުރުން މާސްޓަކާޑު ބޭނުން ކުރާ މިންވަރު ވަނީ 25 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި މާސްޓަކާޑު މެދުވެރިކޮށް 3 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެ އެވެ.
އެމެރިކާގައި އޮންލައިން ވިޔަފާރީގެ އެއް ދުވަހުގެ ސޭލް، ރެކޯޑް މިންވަރަކަށް އިތުރުވިޔަސް އެއީ ޗައިނާގެ އަލިބާބާއާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަލިބާބާއިން މި މަހުގެ ކުރީކޮޅު އެއް ދުވަހުގެ އޮންލައިން ސޭލް 20.7 ބިލިއަން އެމެރިކާ ޑޮލަރަށް އެރި އެވެ.
އޮންލައިން ވިޔަފާރިއާ އެކު އެމެރިކާގެ ރީޓެއިލް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. ސަބަބަކީ ގިނަ ބަޔަކު ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމުގެ ބަދަލުގައި އޮންލައިންކޮށް ވިޔަފާރި ކުރުމެވެ. އޮންލައިންކޮށް ވިޔަފާރިކުރާ ކުންފުނިތަކަށް އޮންނަ އިތުބާރު އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ބޮޑުވަމުންނެވެ.
އެމެރިކާގެ ނޭޝަނަލް ރީޓެއިލް ފެޑެރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހާއި ޑިސެމްބަރު ރީޓެއިލް ވިޔަފާރިން ލިބުނު އާމްދަނީ ވަނީ 720 ބިލިއަން ޑޮލަރަށް އަރާފަ އެވެ.