ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރަން ޓެކް ކައުންސިލެއް އުފައްދަނީ
ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރަން ޓެކް ކައުންސިލެއް އުފައްދަނީ

ޓެކްނޮލޮޖީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް "ޓެކް ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.

ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރަން ޓެކް ކައުންސިލެއް އުފައްދަނީ
ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރަން ޓެކް ކައުންސިލެއް އުފައްދަނީ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައި މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންކަމުން އާ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ޓެކްނޮލޮޖީގެ ދާއިރާ އިން މީހުން ތަމްރީނުކޮށް އެ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށް ކަމަށް މަލީހު ވިދާޅުވި އެވެ.

ޓެކް ކައުންސިލްގައި ހިމެނޭނީ 10 މެމްބަރުންނެވެ. އޭގެ ތެރޭގައި ސަރުކާރާއި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އާއްމުން އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ލަފާ ދިނުމަށާއި މަޝްވަރާ ކުރަން އެ ކައުންސިލް އެންމެ ފުރަތަމަ އުފައްދަނީ ގަވާއިދެއްގެ ދަށުންނެވެ. ނަމަވެސް ފަހުން ގާނޫނަކުން ބާރުދޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ސަރަހައްދުތަކެއްގައި ޓެކް އިންސްޓިޓިއުޓްތަކެއް ގާއިމު ކުރުމަކީ ވެސް ރައީސްގެ ވައުދެއް ކަމަށާއި އެކަން ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަކީ މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު އަލަށް އުފެއްދެވި މިނިސްޓްރީ އެކެވެ. އެ މިނިސްޓްރީ ހިންގަމުން އަންނަނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ހުންނަ އިމާރާތުގަ އެވެ.