27 ނޮވެމްބަރ 2018 - 09:43

މެޑްރިޑް (ނޮވެމްބަރު 27) - ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަކީ މިހާތަނަށް އެ އުމުރުގައި އެންމެ ފެނުނު އެންމެ ތަފާތު ކުޅުންތެރިއާ ކަމަށް ބުނެ އޭނާ އަށް ކްރޮއޭޝިއާގެ ތަރި ލޫކަ މޮޑްރިޗް ތައުރީފްކޮށްފި އެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު އެމްބާޕޭ ވަނީ ފްރާންސަށް މި ފަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން އެހީތެރިވެފަ އެވެ. އެ މުބާރާތުގައި ހަތަރު ގޯލު ޖެހި އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
އެމްބާޕޭ އަކީ މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް ވާދަކުރާ ކުޅުންތެރިއެކެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެމްބާޕޭ ވަނީ މި ފަހަރު ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަށް ބެލޮންޑިއޯ ނުލިބޭނެ ކަމަށް ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ފީފާ އަދި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މޮޑްރިޗް ބުނީ އެމްބާޕޭ އަށް ބެލޮންޑިއޯ ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މެސީ އާއި ރޮނާލްޑޯ އެ އުމުރުގައި (19 އަހަރުގައި) ހުރި ވަރަށް ވުރެ މިހާރު އެމްބާޕޭ ހުރި ލެވެލް މާ ތަފާތު. މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް އެމްބާޕޭ އަށް ވެސް ލިބިދާނެ. އެއީ ވޯލްޑް ކަޕްގައި އޭނާ ތަފާތު ދެއްކި. ވޯލްޑް ކަޕު ފަދަ ޕްރެޝަރު ބޮޑު މުބާރާތެއްގައި އެމްބާޕޭ އެ އުމުރުގައި ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެއް،" މޮޑްރިޗް ބުންޏެވެ.
މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ފްރާންސް ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ރަފައެލް ވަރާން އާއި އެތުލެޓިކޯ މެޑްރިޑް އެންޓޮއިން ގްރީޒްމަން ވެސް ހިމެނެ އެވެ. ބެލޮންޑިއޯ އެވޯޑް ހަފްލާ އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.
އެންމެ ފަހުން ބެލޮންޑިއޯ ފްރާންސް ކުޅުންތެރިއަކަށް ލިބުނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު އެ އެވޯޑް ހާސިލްކުރީ އެ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދޭން އެހީތެރިވި ޒިނެދިން ޒިދާން އަށެވެ.