26 ނޮވެމްބަރ 2018 - 18:12

މުމްބާއީ (ނޮވެމްބަރު 26) - އިންޑިއާގެ ޑޮމެސްޓިކް އެއާލައިނެއް ކަމަށްވާ ޖެޓް އެއާވޭސްގެ ބޯޓެއްގައި އިން ޕަސިންޖަރަކު، "ޓެރަރިސްޓް" ޖޯކަކާ ގުޅިގެން ބޯޓުން ބާލުވުމަށް ފަހު ހައްޔަރުކޮށްފި އެވެ.
ޔޮގްވެދަންޓް ޕޮއްޑާ ނަމަކަށް ކިޔާ ޕަސިންޖަރު ވަނީ އޭނާގެ މޫނުގެ އެއްބައި ކުޑަ ރުމާލަކުން ނިވާކޮށްފައިވާ ފޮޓޯއެއްގެ ތިރީގައި ކެޕްޝަނަކަށް "ބޯޓުގައި ޓެރަރިސްޓެއް، އަހަރެން އަންހެން ކުދިންގެ ހިތްތައް ހަލާކު ކުރަން" ލިޔެފަ އެވެ. ޖެހިގެން އިން ޕަސިންޖަރަށް އެ ފޮޓޯ ފެނުމާ އެކު ބޯޓުގެ ކްރޫންގެ ސަމާލު ކަމަށް އެކަން ވަނީ ގެނެސްފަ އެވެ.
ފުލުހުން ބުނީ ކޮލްކަތާ އިން މުމްބާއީ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ބޯޓުގައި އިން ޕަސިންޖަރު އުޅުނީ އެ ފޮޓޯ ސްނެޕްޗެޓުން ރައްޓެއްސަކަށް ފޮނުވުމަށް ކަމަށެވެ.
އެކަމަކު ބޯޓުގެ ޕައިލެޓް ވަނީ ޓާމެކަށް ބޯޓު ގެނެސް ސަލާމަތީ އޮފިސަލުންނަށް ޕަސިންޖަރު ހަވާލުކޮށްފަ އެވެ. އެއާޕޯޓް އޮފިޝަލުން ބުނީ އެއީ ޕަސިންޖަރު މަޖަލަކަށް ކުރަން އުޅުނު ކަމެއް ނަމަވެސް އޭނާ ބޭނުންކޮށްފައި ވަނީ ސަލާމަތަށް ނުރައްކާވާ ކަހަލަ އިބާރާތެއް ކަމަށެވެ.
ޕޮއްޑާގެ ބައްޕަ ވެސް ބައެއް މީޑިއާތަކަށް ބުނެފައި ވަނީ އެއީ އޭނާގެ ދަރިފުޅު މަޖަލަކަށް ކުރަން އުޅުނު ކަމެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ވަނީ 100 އަށް ވުރެ ގިނަ ޕަސިންޖަރުން ތިބި ބޯޓު ދޮޅު ގަޑިއިރަށް ޑިލޭވެފަ އެވެ.