27 ނޮވެމްބަރ 2018 - 07:03

"ފެޝަން" އާއި "ޖޯދާ އަކްބަރު" އަދި "ބަރުފީ" ފަދަ ކާމިޔާބު އެތައް ފިލްމެއް ހެދި ޕްރޮޑިއުސަރު ރޯނީ ސްކްވާރާލާ، ވަރުގަދަ އަންހެން ކާސްޓަކާ އެކު ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

އޭނާގެ ފިލްމު ކުންފުނި އާރްއެސްވީޕީން އަލަށް އުފައްދާ ފިލްމަކީ "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ފިލްމުތަކުގައި އުޅުނު ބަތަލާ ރެކޫނާ ސަހާނޭ ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ ރެނޫކާ ތައްޔާރުކުރާ ހިންދީ ފުރަތަމަ ފިލްމު ކަމަށް ވިޔަސް އޭނާ ވަނީ 2009 ގައި "ރީޓާ" ކިޔާ މަރާޓީ ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ.
އޭނާގެ އާ ފިލްމުގައި އެއް އާއިލާގެ ތިން ޖެނެރޭޝަންގެ އަންހެނުންގެ ވާހަކަތައް ކިޔައިދެ އެވެ. މި ފިލްމަށް މިހާރު އެއްބަސްވެފައިވާ ތަރިންގެ ތެރޭގައި ޝަބާނާ އަޒްމީ އާއި ކާޖޮލްގެ އިތުރުން ޒުވާން ބަތަލާ މިތިލާ ޕަލްކަރު ހިމެނެ އެވެ.
ފިލްމާ ބެހޭ ގޮތުން ރެނޫކާ އާއި ރޯނީ ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މީޑިއާތަކުން ބުނީ މިއީ މި ޒަމާނުގެ މޮޑަން އާއިލާއެއްގެ ވާހަކަ ވަރަށް ވެސް ފުރިހަމައަށް ކިޔައި ދޭނެ ފިލްމެއް ކަމަށެވެ. ފިލްމުގެ މަސައްކަތް ފަށަން ހަމަޖައްސާފައި ވަނީ އަންނަ އަހަރު އެވެ.
ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަބާނާ އާއި ކާޖޮލް މިހާތަނަށް އެކީގައި ފިލްމަކުން ފެނިފައި ނުވާތީ ރެނޫކާ ފިލްމު ވާނީ އެ ދެ ތަރިންގެ ފޭނުންނަށް ވަރަށް ހާއްސަ ފިލްމަކަށެވެ.
ރޯނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މަހު 7 ގައި ރިލީޒް ކުރާ ސާރާ އަލީ ހާންގެ އަލަތު ފިލްމު "ކެދަނަރުނާތު" އާއި ޕްރިޔަންކާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ ފިލްމު "ދަ ސްކައި އިޒް ޕިންކް" ހިމެނެ އެވެ.
ރޯނީ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރުގެ ފިލްމު ކުންފުނި ރޯއި ކަޕޫރު ފިލްމްސްއާ ގުޅިގެން މި މަހުގެ 16 ގައި ރިލީޒް ކުރި "ޕިހޫ" އެވެ.