26 ނޮވެމްބަރ 2018 - 13:44

ދުބާއީ (ނޮވެމްބަރު 26) - ޖާސޫސްކުރި ކަމުގެ ކުށުގައި ޔޫއޭއީން އުމުރަށް ޖަލަށްލި އިނގިރޭސި ވިލާތުގެ ޕީއެޗްޑީ ދަރިވަރަށް މިއަދު މައާފްދީފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރަސްމީ މީޑިއާ އިން ބުނެފައި ވަނީ އިނގިރޭސި ދަރިވަރު މެތިއު ހެޖަސް އަށް މައާފް ދިނީ ޔޫއޭއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ކަމަށެވެ. އަދި ރަސްމީ ލިޔުންތައް ފުރިހަމަ ކުރުމުން ހެޖާސް އަށް ޔޫއޭއީ އިން ފުރުމުގެ ހުއްދަ ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޔޫއޭއީގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޑރ. އަންވަރު ގާގާޝް ވިދާޅުވީ ޔޫއޭއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ދަރިވަރަށް ރިޔާސީ އަފޫއާއްމެއްގެ ދަށުން މައާފް ދިނުމުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ހެޖާސް އަށް ބުދަ ދުވަހު ހުކުމް ކުރީ ފަސް މިނިޓުގެ ޝަރީއަތަކަށް ފަހު އެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވަނީ ދަރިވަރު ސަލާމަތް ކުރުމަށް ވަރަށް މަސައްކަތް ކުރައްވައިފަ އެވެ.
އުމުރުން 31 އަހަރުގެ ދަރިވަރު މެއި 5 ވަނަ ދުވަހު ދުބާއީ އެއާޕޯޓުން ހައްޔަރު ކުރީ ރިސާޗް ދަތުރެއް ނިންމާލުމަށް ފަހު ފުރަން ގޮސް ހުއްޓަ އެވެ. އޭނާ ރިސާޗް ކުރަމުން ދިޔައީ އަރަބި ސްޕްރިންގެ ސަބަބުން ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށާއި ސަލާމަތަށް ކުރި އަސަރާ ގުޅޭ ގޮތުންނެވެ.