26 ނޮވެމްބަރ 2018 - 12:45

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ) އަދި ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު މިއަދު އިންތިޚާބުކޮށްފި އެވެ.

ނާޝިދާއި އާމިރު އެ ދެ މަގާމަށް އިންތިޚާބުކުރީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް ގެނައި ބަދަލާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތު މިހާރު ވަނީ މި ސަރުކާރަށް ލިބިފަ އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އެންމެ ފަހުން ހުންނެވީ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެވެ. ނައިބަކަށް ކުރިން ވެސް ހުންނެވީ އާމިރެވެ.
ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ނާޝިދު ވިދާޅުވީ އެއީ މަސްއޫލިއްޔަތު ބޮޑު، ޒިންމާދާރުކަމާ އެކު މަސައްކަތްތަކެއް ކުރަންޖެހޭ ކޮމިޓީއެއް ކަމަށެވެ.
"ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކޮމިޓީގެ މެމްބަރުންގެ ހިޔާލާއި މަޝްވަރާގެ މަތިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޓީން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. [އެއީ] ސަރުކާރުގެ ކުންފުނިތަކުގެ ވާހަކަތަކާއި އޮޑިޓް ރިޕޯޓުތަކުގެ މަސައްކަތްތައް،" ނާޝިދު ވިދާޅުވި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އޮޑިޓްގެ ކަންކަން ކުރުމަށް އެކްސްޓާނަލް އޮޑިޓަރެއް ކަނޑައެޅުމުގެ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފަ އެވެ. އެކްސްޓާނަލް އޮޑިޓަރެއް ކަނޑައެޅުމުގައި ކުރިން ވެސް އަމަލުކުރާ ގޮތަށް އާންމުކޮށް އިއުލާން ކޮށްގެން އެކަމާ ގުޅޭ ކަންކަން މަޖިލިހުގެ އިދާރާއިން ކުރިއަށް ގެންދަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އޮޑިޓް ގާނޫނުގައި ބުނާ ގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީން ކޮންމެ އަހަރަކު އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އަހަރީ މާލީ ހިސާބުތަކާއި އެކައުންޓްތަކާއި އޮޑިޓަ ޖެނެރަލްގެ އޮފީސް ހިންގާފައިވާ ގޮތް ބަލައި ރިޕޯޓު ކުރުމަށް، އެކްސްޓާނަލް އޮޑިޓަރަކު އައްޔަން ކުރަން ވާނެ އެވެ. އެގޮތުން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން އެކްސްޓާނަލް އޮޑިޓަރަކު ކަނޑައަޅައި އޮޑިޓަ ޖެނެރަލް އޮފީސް އޮޑިޓް ކުރަން ޖެހޭނެ އެވެ.
އޮޑިޓް އޮފީސް އޮޑިޓްކޮށް ނިންމަން ޖެހެނީ ކޮންމެ އަހަރެއްގެ މެއި މަހުގެ ނިޔަލަށެވެ.