16 އޯގަސްޓް 2016 - 14:08

ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަޒްލީން އަހުމަދަށާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 54 މެމްބަރުން، އަޒްލީނަށް ރުހުން ދޭން ވޯޓު ދެއްވިއިރު، އޭނާއަށް ރުހުން ދޭން ފެނިވަޑައިނުގަންނަވާ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
މުންދު ސަފީރަކަށް އައްޔަން ކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުން ފާސްކުރިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަޒްލީން ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އަޒްލީން އެ މަގާމަށް އައްޔަން ކުރެއްވީ، ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު ވަކިކުރެއްވުމަށް ފަހު އެވެ. އެކަމަކު ފަހުން އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.
މުންދު ޖަޕާނުގެ ސަފީރު ކަމަށް އައްޔަން ކުރަނީ އެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ހަލީލްގެ ސަފީރުކަމުގެ މުއްދަތު ހަމަވުމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުން މުންދު އިސްތިއުފާ ދެއްވީ މިދިޔަ އޮކްޓޯބަރު 25، 2015 ގަ އެވެ. އޭނާގެ މިނިސްޓަރު ކަމުގައި ހާރިޖީ ގުޅުންތައް ބަދަހިކުރުމަށާއި ބޭރުގެ އެހީ ހޯދުމާއި އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެއްވި އެވެ. މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.
މީގެ އިތުރުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.