27 ނޮވެމްބަރ 2018 - 06:59

ގާނާގެ ބައެއް މީހުންގެ ސަންދޯއް ހަދަމުން އަންނަ ގޮތާ މެދު ވަރަށް ގިނަ ބަޔަކު ހައިރާންވާނެ އެވެ. މި ގައުމުގެ ދެ ސިޓީއެއްގައި އަންނަނީ ވަރަށް ތަފާތުކޮށް ސަންދޯއް ތައްޔާރު ކުރަމުންނެވެ. އެކަމަށް ހާއްސަކޮށްގެން ގާނާގެ ވެރިރަށް އަކްރާ އާއި ދެކުނު ކުމާސީގައި ކޭން-ވެއިގެ ނަމުގައި ދެ ވަޑާންގެ ހިންގަ އެވެ.

ދެ ތަނަށް ނަން ދީފައި ވަނީ މަސައްކަތުގެ ބާނީ ސެތު ކޭން ވެއިގެ ނަމަށް ނިސްބަތްކޮށެވެ. ދެ ތަނުގައި ތައްޔާރުކުރާ ސަންދޯއް ހުންނަނީ އެކި ސިފަސިފައަށެވެ. އޭގެ ތެރޭގައި އެކި ކަހަލަ ވެހިކަލްތަކާއި ގެ އާއި ކޮކޯ އާއި މިރުހާއި އޮޑިފަހަރާއި މަތިންދާ ބޯޓުގެ ބައްޓަމަށް ހުންނަ ސަންދޯން ވެސް ހިމެނެ އެވެ.

މިއިން ސަންދޯކެއްގެ އަގު އެވްރެޖްކޮށް އުޅެނީ 1،000 ޑޮލަރުގަ އެވެ. އެކަމަކު ގިނައިން ދަނޑުވެރިން އުޅޭ ގާނާގެ އާބާދީގެ ބޮޑު ޕަސަންޓަކީ ދުވާލަކު އެންމެ ތިން ޑޮލަރު ލިބޭ މީހުންނެވެ.

އެހެން ވިޔަސް މައްސަލައެއް ނެތެވެ. ގާނާގެ ބައެއް މީހުން ބޭނުންވަނީ އެމީހުންގެ ސަންދޯއް ހިތްގައިމުކޮށް ހަދާށެވެ. އެހެންކަމުން ކޭން-ވެއި ވަޑާންގެ މަސައްކަތުގެ ޑިމާންޑް ބޮޑެވެ. މަސައްކަތް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ފުޅާ ވެސް ވަމުންނެވެ.

މި މަސައްކަތް މިގޮތަށް ކުރާތާ މިހާރު 50 އަހަރު ވެއްޖެ އެވެ. ވަޑާންގެތަކުގެ މެނޭޖަރު އެރިކް އެޖެޓޭ، ބީބީސީ އަށް ކިޔައިދިން ގޮތުގައި ސަންދޯއް ތައްޔާރު ކުރުމުގައި ބަލާ ހާއްސަ ކަންތައްތަކެއް ވެސް ހުރެ އެވެ.

އެގޮތުން ކޮކޯގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހެއް ނަމަ އެ މީހެއްގެ ސަންދޯން ޖަހަން ޖެހެނީ ކޮކޯއެއްގެ ބައްޓަމަށެވެ. ތަންކޮޅެއް ރުޅި ގަދަ މީހުންގެ ސަންދޯއް ހަދަނީ ރަތް ކުލައިގެ މިރުހެއްގެ ސިފައިގަ އެވެ. އަދި ތަންކޮޅެއް ތަނަވަސްކޮށް އުޅޭ މީހެއް ނަމަ އެ މީހެއްގެ ސަންދޯއް އާންމުކޮށް ޖަހަނީ ރީތި ގެއެއް، ވެހިކަލެއް ނުވަ އޮޑިއެއްގެ ސިފައަށެވެ.
ކުޑަަކުދިންގެ ސަންދޯކަށް އެންމެ ހާއްސައީ މަތިންދާ ބޯޓް ބައްޓަމެވެ.
"އެކަމަކު އެންމެ އާންމުކޮށް ޖަހަން ޖެހެނީ މާސިޑީޒް ބެންޒް ކާރުގެ ސިފައަށް ހުންނަ ސަންދޯއް،" ވަޑާމުގެ މަސައްކަތުގައި އުޅޭ ސްޓީވް އަންސާ ބުންޏެވެ.
އެރިކް ބުނި ގޮތުގައި ފާއިތުވި ދިގު މުއްދަތުގައި އެ މީހުންގެ މި ކަވި މަސައްކަތުން ޖަހާ އަދި ޗާލު ސަންދޯއް 20 އަށް ވުރެ ގިނަ ގައުމުތަކުން ގަނެފައިވެ އެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވެ މިކަން ދަސްކުރަން ދެކުނު ކޮރެއާ، ރަޝިއާ، އެމެރިކާ އަދި ޑެންމާކް ފަދަ ގައުމުތަކުގެ ޒުވާނުން ގާނާ އަށް އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެން ކައިރިން މި މަސައްކަތް ދަސްކުރި މީހުން އެ މީހުންގެ ގައުމުތަކުގައި މިކަން ކުރާކަން ވެސް އެނގިފައި އެބަހުރި،" އެރިކް ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ފެންސީކޮށް" ތައްޔާރުކުރާ ސަންދޯކުގެ ވިޔަފާރި ފެންނަނީ ވަރަށް އުޖާލާކޮށެވެ. އެހެންވެ އިތުރަށް އެކަން ފުޅާކުރާނެ ކަމަށް ވެސް ބުންޏެވެ. އަނެއްކޮޅުން އެތައް ބަޔަކަށް އެ މަސައްކަތުން ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްކޮށްދެ އެވެ.
"ޖަނާޒާއަކީ ހަގީގަތުގައި ވެސް ގާނާގައި ވަރަށް ބޮޑު ވިޔަފާރިއެއް،" އެރިކް ބުންޏެވެ.