26 ނޮވެމްބަރ 2018 - 11:08

ވެލިންޓަން (ނޮވެމްބަރު 26) - ނިއު ޒީލެންޑުގެ ސުޕަމާކެޓެއްގައި ހުރި ސްޓްރޯބެރީން ތިނޯސް ފެނިއްޖެ އެވެ.
މިއީ ވޭތުވެދިޔަ މަސްތަކުގައި މިފަދަ ހާދިސާއެއް ދިމާވި ދެ ވަނަ ފަހަރެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުގެ ސްޓްރޯބެރީން ތިނޯސް ފެނިފަ އެވެ. އެންމެ ފަހުން ތިނޯސް ފެނިފައި ވަނީ ނިއު ޒީލެންޑުގައި އުފައްދާ ސްޓްރޯބެރީން ނުވަތަ އޮސްޓްރޭލިއާ އިން އިމްޕޯޓްކޮށްފައިވާ ސްޓްރޯބެރީން ކަމެއް ނޭނގެ އެވެ.
ސްޓްރޯބެރީން ތިނޯސް ފެނުނު މައްސަލައިގެ ތުހުމަތުގައި އޮސްޓްރޭލިއާގެ އަންހެނަކު މި މަހު ކުރީކޮޅު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ބްރިސްބޭންގެ ސްޓްރޯބެރީ ދަނޑެއްގެ ސުޕަވައިޒަކަށް މަސައްކަތް ކުރި މީހެކެވެ.
މިނިސްޓްރީ ފޯ ޕްރައިމަރީ އިންޑަސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ސްޓްރޯބެރީން ތިނޯސް ފެނުނު ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުތު އައިލެންޑް ގެރަލްޑީން ޓައުންގެ ފްރެޝް ޗޮއިސް ސުޕަމާކެޓުގައި ހުރި ހުރިހާ ސްޓްރޯބެރީއެއް ވަނީ ނަގައިފަ އެވެ. މިނިސްޓްރީން ބުނީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ސްޓްރޯބެރީން ތިނޯސް ފެނުނު މައްސަލަ ފެންމަތިވުމާ ގުޅިގެން ނިއު ޒީލެންޑުގެ އެންމެ ބޮޑު ދެ ފުޑް ޑިސްޓްރިބިއުޓަރުން ކަމަށްވާ ކައުންޓްޑައުން އާއި ފުޑްސްޓަފް އިން ވަނީ އޮސްޓްރޭލިއާ އިން ސްޓްރޯބެރީ އިމްޕޯޓް ކުރުން ހުއްޓާލައިފަ އެވެ.