26 ނޮވެމްބަރ 2018 - 11:06

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ރަސްމީ ކާރުކޮޅު ޕާކް ކުރުމަށް، އޭނާ ދިރިއުޅުއްވާ ގޭ ކައިރިން ސަރުކާރުން ހަމަޖައްސައިދިން ޖާގައާ ހެދި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ދަތިވެ ޝަކުވާތައް ލިބިވަޑައިގަތުމާ ގުޅިގެން، އޭނާގެ ޕާކިން ޒޯން އާއްމުންނަށް ހުޅުވައިލުމަށް މިއަދު ނިންމަވައިފި އެވެ.
ވަޒީރުންގެ ކާރު ބޭއްވުމަށް ޖާގަ ދެމުން އަންނަ އުސޫލުން މިނިސްޓަރު މަހުލޫފް ދިރިއުޅުއްވާ ހ. ދެތަނޑިމާލޮޖް، ގޭގެ ކުރިމަތިން ލޮނުޒިޔާރަތް މަގުން ވަނީ ވަކި ޖާގައެއް ކަނޑައަޅައިފަ އެވެ. އެއީ ކާރަށް އަރައި ފައިބައިވަޑައިގަތުމުގައި ހޭދަވާ ވަގުތުގައި މަގު ތޮއްޖެހި ދާނެތީ ހުރިހާ ވަޒީރުންނަށާއި ދައުލަތުގެ ވެރިންނަށް ސަރުކާރުން ހަމަޖައްސައިދޭ ޖާގަ އެކެވެ.
ވެހިކަލް ޕާކް ކުރަން ދަތި އެ ސަރަހައްދުގައި މިނިސްޓަރު މަހްލޫފަށް ޚާއްސަ ވަކި ޖާގައެއް ކަނޑައެޅުމުން އާއްމުންގެ މީހަކު ވަނީ މަހުލޫފް ޓެގްކޮށް ރޭ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓުގައި އޭނާ ބުނީ، އެއީ ޕާކްކުރަން ދަތި ސަރަހައްދަކަށް ވާއިރު މަހުލޫފްގެ ކާރު ޕާކް ކުރަން ޖެހެނީ ހަމަ އެޕާޓްމަންޓުގެ ކުރިމަތީގައި ތޯ ސުވާލު އުފައްދައިފަ އެވެ.
އެ ޓްވީޓަށް ރޭ ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، އޭނާގެ ކާރަށް ކަނޑައަޅާފައިވާ ޕާކިން ޒޯން އާއްމުކޮށް ހުޅުވައިލުމަށާއި އޭނާއަށް އެހެން ސަރަހައްދަކުން ޕާކިން ޒޯނެއް ހަމަޖައްސައި ދިނުމަށް ހައުސިން މިނިސްޓްރީގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.
މަހުލޫފް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ޕާކިން ޒޯން އާއްމުންނަށް ހުޅުވައިލުމަށް ނިންމަވާފައިވާއިރު އޭނާ ދެން އިތުރު ޕާކިން ޒޯނެއް ނުނަންގަވާނެ ކަމަށެވެ.
"ދެން ތަންކޮޅެއް ދުރުގައި ނަމަވެސް ކާރު މަޑު ކުރާ ގޮތަށް ހަދާނީ. މިއަދު ހައުސިން މިނިސްޓްރީއަށް ސިޓީ އެބަ ފޮނުވަން އެ ޖާގަ ހުސް ކުރުމަށް،" މަހުލޫފް ވިދާޅުވި އެވެ.
އާއްމު މީހެއް، ޓްވިޓާ މެދުވެރިކޮށް ފާޅުކުރި ކަންބޮޑުވުމަށް މިނިސްޓަރު މަހުލޫފް ހައްލު ހޯއްދަވައިދެއްވުމުން ގިނަ ބަޔަކު އަންނަނީ މަހުލޫފަށް ތައުރީފް ކުރަމުންނެވެ.
މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލައަށް ހައްލު ހޯއްދަވައި ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ގަވައިދާ ހިލާފަށް ޕާކް ކުރުމުން ސްޓިކާ ޖަހާނީ ޕާކް ކުރުމަށް ޖާގަ ހޯދައިދިނުމަށް ފަހު ކަމަށެވެ.