ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރޯހިތު ޝެޓީގެ ފިލްމެއްގައި އަކްޝޭ ކުމާރު އަދި މިހާތަނަކަށް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ދެން މާ ލަސްތަކެއް ނުވެ ފެނިދާނެ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަންނަ މަހުގެ 28 ގައި ރިލީޒްކުރާ ރަންވީރު ސިންގްގެ "ސިމްބާ" އަށް ފަހު، ރޯހިތު ދެން ހަދާ ފިލްމުގެ ލީޑް ރޯލް ކުޅޭނީ އަކްޝޭ އެވެ. އަދި އޭގެ މަސައްކަތް އަންނަ އަހަރުގެ މެއި ނުވަތަ ޖޫންގައި ފަށާނެ ކަމަށް ބުންޏެވެ.

ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ރޯހިތު ފާހަގަކުރެވެނީ ހުރިހާ ރަހަތަކެއް ހެޔޮވަރުކޮށްގެން ފިލްމުތައް ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެހެންވެ އަކްޝޭއާ އެކު ވެސް އޭނާ ހަދާނީ މަސާލާގަނޑެއް ކަމަށް ގަބޫލު ކުރެވެ އެވެ.

މިހާރު ވެސް ތަށި ފުރިފައި ހުރި އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ބުރާސްފަތި ދުވަހު ރިލީޒް ކުރާ ސައިންސް ފިކްޝަން ފިލްމު "2.0" އިންނެވެ.

އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ކެސަރީ"، "ގުޑް ނިއުސް"، "މިޝަން މަންގަލް" އަދި "ހައުސްފުލް 4" ހިމެނެ އެވެ. މި އަހަރުގެ މިހާތަނަށް އަކްޝޭގެ ދެ ފިލްމެއް ރިލީޒްވެފައިވެ އެވެ. އެއީ "ޕެޑްމޭން" އާއި ގޯލްޑް" އެވެ.

ސަންސްޕެންސު ތުރިލާތައް ހަދަން މަޝްހޫރު ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ފިލްމެއް ސައިފް އަލީ ހާނަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ސްރީރާމް ސައިފާ ދެ ސްކްރިޕްޓެއް ހިއްސާކޮށްފައިވާ އިރު، އެ ދޭތި ވެސް އޭނާ އަށް ވަރަށް ކަމުގޮސްފައިވެ އެވެ.

އޭގެ ތެރެއިން އެކައްޗަކީ ޕަރަމްވީރު ޗަކްރާ އެވޯޑް ހާސިލުކޮށްފައިވާ އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ލެފްޓިނެންޓް އަރުން ކެތަރުޕާލްގެ ބައޮގްރިފަލް ޑްރާމާ އެވެ. އެއަށް ދީފައިވާ ނަމަކީ "އެއްކިސް" އެވެ. އަނެއް ފިލްމަކީ ތުރިލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައިފް ލައްވައި ސްރީރާމް ކުޅުވަން ބޭނުން ވަނީ "އެއްކިސް" އެވެ. ތުރިލާގެ ލީޑަށް ލާން ބޭނުން ވަނީ ޒުވާން އެކްޓަރެކެވެ.

ސައިފް ވަނީ ކުރިން ދެ ފިލްމެއްގައި ސްރީރާމްއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ 2012 ގެ "އެޖެންޓް ވިނޯދު" އާއި 2004 "އޭކް ހަސީނާ ތީ" އެވެ.

މިދިޔަ މަހު ރިލީޒް ކުރި "ބާޒާރު" ގެ އެކްޓަރު މިހާރު "ހަންޓާ" އާއި އަޖޭ ދޭވްގަންއާ އެކު "ތާނަޖީ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، ދެން އެންމެ އަވަހަށް ސައިފް މަސައްކަތް ފަށާނީ އަމިއްލަ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ހަދާ ރޮމޭންޓިކް ކޮމެޑީ "ޖަވާނި ޖާނެމަން" ގެ މަސައްކަތެވެ.

ސްރީރާމްގެ އެންމެ ފަހުގެ ފިލްމަކީ އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅެ މިދިޔަ މަހު ރިލީޒް ކުރި "އަންދާދުން" އެވެ.

ޝާހިދު ކަޕޫރު މިހާރު ކުޅެމުން އަންނަ ފިލްމު "ކަބީރު ސިންގް" ގައި އޭނާ ފެނިގެން ދާނެ ގޮތް ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި އޭނާ ވަނީ ފިލްމުން ސެޓުން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އޭގައި ޝާހިދު ފެންނަނީ ތުނބުޅި ބާލައި، ތަންކޮޅެއް ކެޝުއަލް ލުކެއްގައި ހުއްޓަ އެވެ. "ކަބީރު ސިންގް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ކިއާރާ އަދުވާނީ އެވެ.

"ކަބީރު ސިންގް" ޑައިރެކްޓް ކުރަނީ އަރުޖުން ރެޑީ ވެސް ލިޔެ، ޑައިރެކްޓް ކުރި ސަންދީޕް ވަންގާ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ ޖޫން، 21، 2019 ގަ އެވެ.

އަމީތާބް ބައްޗަން ވަކީލެއްގެ ރޯލް ކުޅުނު 2016 ގެ ކާމިޔާބު ފިލްމު "ޕިންކް" ގެ ތަމަޅަ ފިލްމެއް ހަދަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަގުތީ ގޮތުން "ތަލަ 59" ގެ ނަން ދީފައިވާ ފިލްމުގައި އަމީތާބް ކުޅުނު ރޯލް ކުޅޭނީ މަޝްހޫރު ތަމަޅަ އެކްޓަރު އަޖިތު އެވެ. އަދި މި ފިލްމު ޕްރޮޑިއުސް ކުރަނީ ބޯނީ ކަޕޫރު ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ވިނޯދު އެވެ.

"ޕިންކް" ގެ ކްރިއޭޓިވް ޕްރޮޑިއުސަރު ސުޖިތު ސިރްކާސްއާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ "ޕިންކް" ގެ ތަމަޅަ ފިލްމެއް ހަދާކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. އެކަމަކު އޭނާ އެއްވެސް ތަފުސީލެއް ނުދެ އެވެ.

އިޖުތިމާއީ މައްސަލައަކަށް ހެދި ފިލްމަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ އިރު، "ޕިންކް" ޑައިރެކްޓްކޮށްފައި ވަނީ އަނިރުދާ ރޯއި ޗައުދަރީ އެވެ. އަމީތާބާ އެކު މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ތާޕްސީ ޕައްނޫ އާއި ކިރިތީ ކުލްހާރީގެ އިތުރުން އެންޑްރިއާ ޓަރިއަންގް އެވެ.

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް އާއި ސައުތުގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބޫ އެއް ބްރޭންޑެއްގެ ދެ އިޝްތިހާރެއް އެއްގޮތަކަށް ކުޅެލައިގެން ބެލުންތެރިންގެ ސަމާލުކަން ހޯދައިފި އެވެ.

ދެ ތަރިން ކުޅެފައި ވަނީ ލުއި ބުއިމެއް ކަމަށްވާ "ތަމްސް އަޕް" ގެ އިޝްތިހާރަކެވެ. ހިންދީ އޯޑިއަންސާއި އިންޑއާގެ ސައިތުގެ އޯޑިއަންސަށް ހާއްސަކޮށްގެން ވަކިވަކިން ހަދާފައިވާ ދެ އިޝްތިހާރު ވެސް ތައްޔާރުކޮށްފައި ވަނީ އެއްގޮތަކަށެވެ. އެގޮތުން ތައިލެންޑްގައި ޝޫޓްކޮށްފައިވާ އިޝްތިހާރުގައި ވަރަށް ވެސް ފުރިހަމަ އެކްޝަންތަކެއް ދައްކާލައިފައިވެ އެވެ.

ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރާއި ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދްކަރުގެ ފިރިމީހާ މަހޭޝްއަކީ "ތަމްސް އަޕް" ގެ ބްރޭންޑް އެމްބެސެޑަރުންނެވެ.

ދެ ތަރިން އެއްގޮތަކަށް އެއް އިޝްތިހާރެއް ކުޅެފައިވާތީ ފޭނުން މިހާރު އަންނަނީ އިޝްތިހާރުގައި މޮޅީ ކާކުތޯ އަޅާކިޔަމުންނެވެ.