26 ނޮވެމްބަރ 2018 - 09:03

މެންޗެސްޓާ (ނޮވެމްބަރު 26) - މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އަށް ފްރާންސް ގައުމީ ޓީމުން ފުރުސަތު ނުދޭތީ އެކަމާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ސިޓީން މި އަހަރުގެ ޖެނުއަރީ މަހު އުމުރުން 24 އަހަރުގެ ލަޕޯޓް ގަތީ އެތުލެޓިކް ބިލްބާއޯ އަށް އޭރު ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 57 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. މީގެ އެއް އަހަރު ކުރިން ވެސް ގާޑިއޯލާ ވަނީ ލަޕޯޓް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު އޭނާ އަށް އަނިޔާވުމުން އެ މަސައްކަތް ސިޓީން ހުއްޓާލި އެވެ.
ފްރާންސްގެ އުމުރުފުރާ ހަތަރު ގައުމީ ޓީމަކަށް ލަޕޯޓް ވަނީ ކުޅެފަ އެވެ. އެކަމަކު އަދި މިހާތަނަށް ސީނިއާ ޓީމުން ފުރުސަތު ލިބިފައިނުވެ އެވެ.
ދާދި ފަހުން ސްޕެއިންގެ ކޯޗު ލުއިސް އެންރިކޭ ވަނީ ލަޕޯޓަށް ސްޕެއިން ގައުމީ ޓީމަށް ކުޅުމަށް ދައުވަތު ދީފަ އެވެ. އެއީ ލަޕޯޓްގެ އާއިލާގެ އެއް ބަޔަކީ ސްޕެއިން ކަމަށްވާއިރު، އޭނާ އަށް އެ ގައުމަށް ކުޅުމުގެ ފުރުސަތު ވެސް އޮތުމުންނެވެ. އެކަމަކު ލަޕޯޓް ނިންމީ ފްރާންސަށް ކުޅޭށެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ސްކޮޑު ނެގުމުގައި ގެންގުޅޭ ވިސްނުމަށް ގިނަ ފާޑުކިޔުންތަކެއް ފަހަކަށް އައިސް ވަނީ އަމާޒުވެފަ އެވެ. ދާދި ފަހުން ގާޑިއޯލާ ވެސް ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"ގައުމީ ޓީމުގެ މެޗުތަކަށް ނަގަން ޖެހޭނީ އެއިރަކު އެންމެ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިން ކަމަށް މި ބަލަނީ. އެ ވިސްނުމުގައި ބަލާއިރު އަހަރެން ވަރަށް ހައިރާންވޭ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަދި ވެސް ލަޕޯޓަށް ފުރުސަތު ނުދޭތީ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.
ފަހަކަށް އައިސް ލަޕޯޓް އަންނަނީ ސިޓީ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަޕޯޓް ހިމަނައިގެން އެންމެ ފަހުން ކުޅުނު 19 މެޗުގައި ސިޓީ ކޮޅަށް ވަނީ ނުވަ ގޯލެވެ. ގާޑިއޯލާ ބުނީ މިހާރު ހުރި ފޯމުގައި ލަޕޯޓް ކުރިއަށްދާނަމަ އޭނާ އަށް ވަރަށް އަވަހަށް ފްރާންސުން ފުރުސަތު ލިބޭނެ ކަމަށެވެ.
"އަހަރެންގެ އުއްމީދަކީ ވަރަށް އަވަހަށް ލަޕޯޓް ފްރާންސް ޓީމަށް ނެގުން. ޔަގީންކަމާ އެކީ އަހަންނަށް ބުނެވިދާނެ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރުން ތެރޭގައި ލަޕޯޓް ހިމެނެޔޭ،" ގާޑިއޯލާ ބުންޏެވެ.