ސިލްވާގެ ގޯލުން ސެވިއްޔާ އެއް ވަނަ އަށް
ސިލްވާގެ ގޯލުން ސެވިއްޔާ އެއް ވަނަ އަށް

ސެވިލް (ނޮވެމްބަރު 26) – އަންދްރޭ ސިލްވާ ވައްދާލި ގޯލާ އެކު ރެއާލް ވަލަޑޮލިޑް އަތުން 1-0 އިން މޮޅުވެ ސެވިއްޔާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އަރައިފި އެވެ.

މިއީ ހޮނިހިރު ދުވަހުގެރޭ ބާސެލޯނާ އަށް އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުނުވެވުމުގެ ނަތީޖާ އެވެ. ސެވިއްޔާ އެއް ވަނަ އަށް އެރީ 26 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. އަދި ތިން ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑެވެ.

“އެއްވެސް މީހަކު އުއްމީދެއް ނުކުރޭ އަހަރެމެން މި މަގާމުގައި އޮންނާނެ ކަމަށް. އެކަމަކު އަހަރެމެން މަސައްކަތްކުރާނަން. އަހަރެމެންނަށް ހައްގު މި ހުރިހާ ޕޮއިންޓެއް. އެހެންވެ އަހަރެމެން އެއް ވަނައިގައި މިއޮތީ،" ސެވިއްޔާގެ ކޯޗު ޕަބްލޯ މަޗިން ބުންޏެވެ.

ސެވިއްޔާގެ ހަމައެކަނި ގޯލް 30 ވަނަ މިނެޓުގައި ޖެހި ސިލްވާ އަކީ އޭސީ މިލާނުގެ ލޯނެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ފޯވާޑެކެވެ. ޕޯޗުގަލްގެ އެންމެ އުއްމީދީ ފޯވާޑް މިދިޔަ ސީޒަނުގައި ބޮޑު އަގުގައި މިލާނާ ގުޅި އެކަށީގެންވާ ފުރުސަތެއް ނުލިބުނެވެ. ސެވިއްޔާގައި ފުލްކޮށް ކުޅެ އޭނާ ވަނީ މިހާތަނަށް ލީގުގައި އަށް ގޯލް ޖަހައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް ދާއިމީކުރަން ނިންމައިފަ އެވެ.

ސްޕެއިނުގެ ޗެމްޕިއަންކަން 1946 ވަނަ އަހަރުގެ ފަހުން ހޯދާފައިނުވާ ސެވިއްޔާ އަކީ ޔޫރަޕުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ފަސް ފަހަރު ތަށި ހޯދިއިރު އެއީ ހުސް މި ގަރުނު ފެށި ފަހުން ހޯދި ކާމިޔާބީތަކެވެ.