16 އޯގަސްޓް 2016 - 17:15

ސީޓްރެކްސް ބިލްޑިންގްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބާޒާރު ބްރާންޗް އެސްޓީއޯ ޓްރޭޑް ސެންޓަރަށް ބަދަލުކޮށް، ބާޒާރު ބްރާންޗް ހުރި ތަނުގައި އިސްލާމިކް ބްރާންޗް ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިސްލާމިކް ބޭންކިންގެ ހިދުމަތް ދޭ ހާއްސަ ބްރާންޗެއް، ބާޒާރު ބްރާންޗް ހުރި ތަނުގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އަލަށް ހުޅުވާ ބްރާންޗާއި ސެލްފް ސާވިސް ބޭންކިން ހިދުމަތް އަންނަ މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އިސްލާމިކް ބްރާންޗް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން، ސީ ޓްރެކްސް އިމާރާތުގައި ހުރި ބީއެމްއެލް ބްރާންޗް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަންދުވާނެ ކަމަށެވެ. އެ ބްރާންޗް ބަންދުވި ނަމަވެސް ސެލްފް ސާވިސް ބޭންކިން ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އާދީއްތަ ދުވަހުން ފެށިގެން ބާޒާރު ބްރާންޗް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބީއެމްއެލް ލައިޓް މިހާރު ހިންގާ ތަނަށް ބަދަލުވާއިރު، ރާއްޖެއިން ބޭރަށް ދާ މީހުންނަށް ޑޮލަރު ވިއްކުމަށް ހަމަޖެހިފައި ވަނީ ވެސް އެ ބްރާންޗުން ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް ކާޑު ބޭނުންކޮށްގެން އެކައުންޓުން ފައިސާ ނެގުމުގެ ހިދުމަތް އެ ބްރާންޗުގެ ކައުންޓަރުތަކުން ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.