މެމްބަރު މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގެންފި
މެމްބަރު މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގެންފި

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މުސްތަފާ ސޮއިކުރެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ވަކި ހިސާބަކުން އޭނާ ޕީޕީއެމާ ގުޅިވަޑައިގަތެވެ. އަދި މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު މިހާތަނަށް ހުންނެވީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އެއީ ޕީޕީއެމްގެ ލީޑަޝިޕާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.

މުސްތަފާ މިރޭ "މިހާރު" އަށް ވިދާޅުވީ، އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އެ ޕާޓީއާ ދުރުގައި ހުންނެވުމަކީ ދަތިކަމަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ ޓިކެޓު ހޯއްދެވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާޏެ ކަމަށެވެ.

"ޕްރައިމަރީ އަކީ އަޅުގަނޑު ބިރު ގަންނަ އެއްޗެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ޕްރައިމަރީ ކާމިޔާބު ވެސް ކުރާނަން. އެމްޑީޕީގެ އުސޫލުތަކުގެ ތެރޭގައި އަޅުގަނޑު މަސައްކަތް ކުރާނީ. އުސޫލުތައް ދަމަހައްޓާ ޕާޓީ އަކީ ވެސް އެއީ،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދަކީ 19 އެވެ. ޕީޕީއެމުން ވަކިކޮށްފައިވާ 12 މެމްބަރުން އަދި އެ ޕާޓީގެ އެހެން ބައެއް މެމްބަރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަމުން ގެންދަވާއިރު މިހާތަނަށް އެމްޑީޕީއާ ގުޅިވަޑައިގަތީ މުސްތަފާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެކަންޏެވެ. ގިނަ މެމްބަރުން ސޮއިކުރައްވަނީ ޖުމްހޫރީ ޕާޓީ އަށެވެ.