25 ނޮވެމްބަރ 2018 - 17:53

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކްލިނިކްތަކުގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައިި 40 ކްލިނިކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ބޭފުޅުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވަނީ ހެލްތު މިނިސްޓަރު އަމީންއާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.
ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، ސިއްހީ ދާއިރާއާ ގުޅޭ ކަންކަން އާ ސަރުކާރުން ތަންފީޒު ކުރުމުގައި ތަޖުރިބާކާރުންގެ ފަންނީ ލަފަ އާއި އިރުޝާދު ހޯދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ބައްދަލުވުމުގައި، ކްލިނިކްތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކާއި އެކަންތައް ހައްލުކުރަން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި މިނިސްޓަރު ބައްދަލުކުރެއްވީ. އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ޑޮކްޓަރުން ހޯދުމާއި ރަޖިސްޓަރީ ކުރުމާ ގުޅޭ ޝަކުވާތައް،" އޮފިޝަލް ވިދާޅުވި އެވެ.
ހެލްތު މިިނިސްޓަރު އަމީން މިދިޔަ ހަފުތާގައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި އޭޑީކޭއަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވައިލައްވައިފަ އެވެ.