25 ނޮވެމްބަރ 2018 - 15:50

މަރުކަޒީ ބެންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން މިދިޔަ އަހަރު އެންމެ ގިނައިން ބަލާފައިވަނީ ރާއްޖޭގައި ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތްތައްކަމަށް އެ ޔުނިޓްގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރޭތޯ ބަލާ އެފްއައިޔޫ އިން މިއަދު އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން، މާލީ މުއާމަލާތްތަކުގެ ތެރެއިން އެ ޔުނިޓަށް ޝައްކު ކުރެވިގެން 13 މައްސަލައެއްގެ ޓްރާންސެކްޝަން އެނަލައިސިސް ހަދާފައިވެ އެވެ.
އޭގެ ތެރެއިން 54 ޕަސެންޓް މައްސަލައަކީ ޓެރަރިޒަމަށް ފައިނޭންސް ކުރި ކަމަށް ޝައްކު ކުރެވޭ ކަންކަމެވެ. އެއީ ގާތްގަނޑަކަށް ހަތް މައްސަލަ އެވެ.
ދެން އެންމެ ގިނަ އެނަލައިސިސް ހަދާފައިވަނީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ތުހުމަތު ބޮޑަށް ކުރެވޭ ގައުމަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ. އެއީ 23 ޕަސެންޓް މައްސަލަ އެވެ. ތިން ވަނަ އަށް އެންމެ ގިނައިން އެނަަލައިސިސް ހަދާފައިވަނީ މީހާއާ ނުބައްދަލު ބޮޑެތި މާލީ މުއާމަލާތްތައް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލަތަކާ ގުޅިގެންނެވެ.
ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަފްސީލެއް ރިޕޯޓުގައި ބުނެފައެއްނުވެ އެވެ.
އެ ރިޕޯޓުތަކާ ހަވާލާދީ އެފްއައިޔޫ އިން ބުނީ ޓެރަރިޒަމާ ގުޅުން ހުރި ކަންތައްތަކުގައި މާލީ އިދާރާތައް މެދުވެރިކޮށް ސެލްފް-ފައިނޭންސް ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ޓެރަރިޒަމުގެ އަމަލެއް ހިންގުމަށް ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވާން އަމިއްލަ އަށް ހަރަދު ކުރުމެވެ.
އޭގެ ތެރޭގައި ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް އަމިއްލަ ހަރަދުގައި ދަތުރު ކުރުމާއި ދަތުރުމަތީ ކެއިންބުއިމުގެ ހަރަދުތައް ވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ތުރުކީ މަގުން ސީރިއާ އަށް އެތެރެވާން މަސައްކަތް ކޮށްފައިވާކަން ހާމަވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެފްއައިޔޫން ބެލުމަށް ފަހު ޝައްކު ކުރެވޭ މައްސަލަތައް ފޮނުވަނީ ކަމާ ބެހޭ އެކިއެކި އިދާރާތަކަށެވެ. އެފްއައިޔޫން އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރާނެ އެވެ.
އެގޮތުން އެފްއައިޔޫން ބެލި އެ މައްސަލަތަކުގެ ތެރެއިން އިތުރަށް ތަހުގީގު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ ފޮނުވާފަ އެވެ. ފުލުހުންނަށް އެކަނި 10 މައްސަލައެއް ވަނީ ފޮނުވާފަ އެވެ. ފުލުހުންނަށާއި މީރާ އަށް ނުވަ މައްސަލައެއް ފޮނުވާފައިވާއިރު ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ހަތަރު މައްސަލައެއް ވަނީ ފޮނުވާފަ އެވެ.