25 ނޮވެމްބަރ 2018 - 15:03

ޕެނަލްޓީ ޖަހައިގެން އިންޑޮނީޝިއާ 2-1 އިން ބަލިކޮށް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ މަގާމް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިއަދު ހޯދައިފި އެވެ.

ސިންގަޕޫރުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން އިންޑޮނީޝިއާ އާއި ލަގްޒަމްބާގެވެ. މިއަދު ކުޅޭ ފައިނަލުގައި ސިންގަޕޫރު ވާދަކުރާނީ ލަގްޒަމްބާގާ އެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުން 1-0 އިން ސިންގަޕޫރު އަތުން ބަލިވެފަ އެވެ.
ސިންގަޕޫރުގައި ކުރިއަށްދާ މިއަދު ކުޅުނު ތިން ވަނަ ހޮވާ މެޗުގައި އިންޑޮނީޝިއާއާ ދެކޮޅަށް ފުރިހަމަ ވަގުތު ހަމަވިއިރު ރާއްޖެ އޮތީ 0-0 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހުމުން ރާއްޖެ މޮޅުވީ 2-1 އިންނެވެ. ރާއްޖެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ޝަހުލާ ތައުފީގާއި މަރިޔަމް މިރުފަތު އެވެ.
މި ފަހަރުގެ އޮގަސްޓް މަހުގައި އޮތް އޭޝިއަން ގޭމްސްގައި އިންޑޮނީޝިއާ އަތުން 6-0 އިން ބަލިވިއިރު، ދާދި ފަހުން ނިމުނު އޮލިމްޕިކް ކޮލިފައިންގައި އިންޑޮނީޝިއާއާ ވާދަކޮށް ބަލިވީ 3-1 އިންނެވެ. މިއަދުގެ މެޗުން އިންޑޮނީޝިއާއާ އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން މޮޅުވުމުން ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
މި މުބާރާތަކީ ޔޫރަޕްގެ މައި އިދާރާ ޔުއެފާ އިން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ކުރިއަށްގެންދާ އެސިސްޓް ޕްރޮގްރާމްގެ ތެރެއިން ރޭވިގެންދިޔަ މުބާރާތެކެވެ. މި މުބާރާތާ ގުޅުވާލައިގެން އަންހެން ފުޓްބޯޅަ ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ހިންގައިފަ އެވެ. އޭގެ ކޯހުގެ ބައިވެރިންނަށް މައުލޫމާތު ދެނީ ފީފާގެ އިންސްޓްރަކްޓަރެއްގެ އިތުރުން ޔުއެފާގެ ޓެކްނިކަލް އެކްސްޕާޓް އެވެ.
އަންހެން ފުޓްބޯޅައިގައި ރަސްމީކޮށް ރާއްޖޭގެ ކުޅުންތެރިން ކުޅެނީ ރާއްޖޭ ލެވެލްގައި މެޗުތަކެއް ނުކުޅެ އެވެ. އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް ރަނގަޅު މުބާރާތެއް ރާއްޖޭގައި ނުބާއްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެހެންވެ، ބައިނަލްއަގްވާމީ ލެވެލްގައި ސީދާ މުބާރާތަށް ގޮސްގެން މެޗުތައް ކުޅެގެން ނަތީޖާ ނެރުން ވަނީ އުނދަގޫވެފަ އެވެ. އެކަމަކު ފަހަކަށް އައިސް ރާއްޖޭގެ އަންހެން ޓީމު އަންނަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.
އޮލިމްޕިކް ކޮލިފައިން އާއި ސިންގަޕޫރު މުބާރާތުގައި ލިބުނު ތަޖުރިބާތަކާ އެކު އަންނަ މަހު އޮންނަ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ދާއިރު އަންހެން ޓީމަށް އިތުބާރު ލިބޭނެ އެވެ. ނޭޕާލުގައި ބާއްވަން އަންނަ މަހު 17-26 އަށް ތާވަލްކޮށްފައިވާ މުބާރާތުގައި ރާއްޖެ އޮތީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ވަނީ އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ސާފް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.