ރަޝިޔާގެ މޮޑެލް އަކު ބުނަނީ ކިޓް ހެރިންޓަން އަކީ ބޭވަފާތެރިއެއް ކަމަށް
ރަޝިޔާގެ މޮޑެލް އަކު ބުނަނީ ކިޓް ހެރިންޓަން އަކީ ބޭވަފާތެރިއެއް ކަމަށް

މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ޖޮން ސްނޯގެ ރޯލް ކުޅޭ އިނގިރޭސި އެކްޓަރު ކިޓް ހެރިންގްޓަންއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އެކަމަކު ފަހުން އޭނާ ބޭވާފަތެރިވެފައިވާ ކަމަށް ބުނެ ރަޝިއާގެ މޮޑެލް އޮލްގާ ލަޒްލޯވާ ދައްކާފައިވާ ވާހަކަތައް ކިޓް ދޮގުކޮށްފި އެވެ.

އޮލްގާ މީޑިއާތަކަށް ކިޔައި ދިން ގޮތުގައި އޭނާ އާއި ކިޓް ރައްޓެހިވެގެން މަހެއްހާ ދުވަހު އުޅުނެވެ.

އެ ދުވަސްވަރު ދެ މީހުން ލަގްޒެމްބާގުގައި އެކީގައި ވަގުތުތައް ހޭދަކޮށް، އެކީގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއް ވެސް އެބަހުރި ކަމަށް ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި ކިޓްއާ ރައްޓެހިވި އިރު، 31 އަހަރު އެކްޓަރު ވަނީ އޭނާ މިހާރު ކައިވެނިކޮށްގެން އުޅޭ "ގޭމް އޮފް ތުރޯންސް" ގެ ބަތަލާ ރޯޒް ލެޒްލީ އެންގޭޖް ވެސް ވެފަ އެވެ. އަދި ކައިވެނި ކުރި ފަހުން ވެސް ކިޓް އޭނާއާ ގުޅުން ބާއްވަމުން ދިޔަ ކަމަށް އޮލްގާ ބުންޏެވެ.

ކިޓް އާއި ރޯޒް ކައިވެނިކުރީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ސްކޮޓްލެންޑްގައި ބޭއްވި އެ ހަފުލާގައި "ގޭމް އޮފް ތުރޯންސް" ގެ ވަރަށް ގިނަ ތަރިން ވެސް ބައިވެރި އެވެ. ކިޓް އާއި ރޯޒް ކައިވެނި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެންގޭޖްވުމަށް ފަހު އެވެ.

އޮލްގާ ދެއްކި ވާހަކަތަކާ ގުޅިގެން ކިޓްގެ ތަރުޖަމާނު ބުނީ އޮލްގާ ކިޔާ އަންހެނަކު ނުވެސް ދަންނަ ކަމަށް ކިޓް ބުނާ ކަމަށާއި އެ ބުނާ މީހަކާ ދުވަހަކު ދިމާ ވެސް ނުވާ ކަމަށެވެ. އަދި ކިޓް ދުވަހަކު ލަގްޒެމްބާގަށް ވެސް ނުދާ ކަމަށް ތަރުޖަމާނު ބުންޏެވެ.

"އެ ބުނާ އަންހެނަކު އެ ދައްކަނީ ދޮގު ވާހަކަތަކެއް. އަދި އެއީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް،" ތަރުޖަމާނު ބުންޏެވެ.

ކިޓްއާ ބެހޭ ގޮތުން މިފަދަ ވާހަކަތެއް ދެކެން ފަށާފައި މި ވަނީ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަންގެ ޓްރެއިލާ ވެސް ދާދި ފަހުން ދައްކާލައިފައި ވަނިކޮށެވެ. ފަހު ސީޒަން އެޗްބީއޯ ދައްކަން ފަށާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.