25 ނޮވެމްބަރ 2018 - 13:23

ތެލް އަވީވް (ނޮވެމްބަރު 25) - ފަލަސްތީނާ އެކު ސުލްހަވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލި ސުލްހައިގެ ޕްލޭނަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށް އިޒްރޭލުގެ ސީނިއާ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް ދުރުމިން މިހާރު މާ ބޮޑުވެއްޖެ" ޖެރޫސަލަމް ޕޯސްޓުން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެއްގައި ޖަސްޓިސް މިނިސްޓަރު އައިލަތު ޝާކެޑް ވިދާޅުވި އެވެ. "އަޅުގަނޑަށް ހީވަނީ ޓްރަމްޕުގެ ސުލްހައިގެ ޕްލޭނަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށް."
ޖަސްޓިސް މިނިސްޓަރު ނިސްބަތް ވަނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނުގައި ހިމެނޭ ޖޫޝް ހޯމް ޕާޓީއަށެވެ. ޖަސްޓިސް މިނިސްޓަރާއި އޭނާގެ ޕާޓީން ދަނީ ދެ ދައުލަތް އުފައްދައިގެން ގާއިމްކުރާ ސުލްހައިގެ ޕްލޭނާ ދެކޮޅު ހައްދަވަމުންނެވެ.
ފަލަސްތީނުން ވަނީ ޓްރަމްޕުގެ ސުލްހައިގެ ޕްލޭން ހުއްޓުވާނެ ކަމަށް ބުނެފަ އެވެ. ފަލަސްތީނާއި އެމެެރިކާގެ ގުޅުން ގޯސްވެފައި ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެކަން ޓްރަމްޕް މިދިޔަ ޑިސެމްބަރު މަހު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ ފަލަސްތީނަށް ދޭ އެހީން 500 މިލިއަން ޑޮލަރު ކަނޑާލައިފަ އެވެ.