16 އޯގަސްޓް 2016 - 12:42

ސޯލް (އޮގަސްޓް 16) - ދެކުނު ކޮރެއާގެ އިރު ދެކުނުގެ ސިއޯންޖޫގައި ގާއިމްކުރަން އުޅޭ އެޑްވާންސްޑް މިސައިލް ޑިފެންސް ސިސްޓަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ގާތްގަނޑަކަށް 900 މީހުން ބޯ ބާލައިފި އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާގެ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް ނިޒާމް އެ ގައުމުގެ ސިއޯންޖޫގައި ގާއިމްކުރާނެކަން އިއުލާން ކޮށްފަ އެވެ. އަދި އެއީ އުތުރު ކޮރެއާގެ ނިއުކްލިއާ މިސައިލްގެ ބިރުން ސަލާމަތްވުމަށް ގާއިމްކުރާ ނިޒާމެއް ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. އުތުރު ކޮރެއާ އިން ވަނީ މިދިޔަ ޖެނުއަރީ މަހު ނިއުކްލިއާ ހަތަރު ވަނަ ޓެސްޓެއް ކޮށްފަ އެވެ. އެކަމަކު ވެރިރަށް ސޯލްގެ ދެކުނުން 186 މޭލު ދުރުގައި އޮންނަ ސިއޯންޖޫގައި ދިރިއުޅޭ މީހުން ބުނީ މިއީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެ މީހުން އެކަމާ ދެކޮޅު ހަދާނެ ކަމަށެވެ.
ދެކުނު ކޮރެއާގެ ރައީސް ޕާކް ގެއުން-ހައި އިއްޔެ ވިދާޅުވީ ތާޑު ޑިފެންސް ނިޒާމަކީ ނޯތު ކޮރެއާގެ ކިބައިން ދެކުނު ކޮރެއާގެ ރައްޔިތުން ސަލާމަތް ކުރުމަށް ގާއިމްކުރާ ނިޒާމެއް ކަމަށެވެ.
މިސައިލްގެ ނިޒާމް ގާއިމްކުރާ ސިއޯންޖޫގެ ގާތްގަނޑަކަށް 45،000 މީހުން ވަނީ އެ އަވަށަށް ދެކުނު ކޮރެއާގެ ބޮޑު ވަޒީރު މިދިޔަ މަހު ވަޑައިގަތުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ އަވަށުގެ މީހުން ބުނީ މިސައިލުން ދިފާއުވެވޭ ނިޒާމް ގާއިމް ކުރަން އުޅެނީ އެ މީހުންނާ މަޝްވަރާ ނުކޮށް ކަމަށެވެ.
ބޮޑު ވަޒީރު އެ އަވަށަށް ވަޑައިގެންނެވީ ވެސް ރައްޔިތުންގެ ރުޅި މައިތިރި ކުރުމަށެވެ. މިސައިލް ނިޒާމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ބޮޑު ވަޒީރު ވާހަކަ ދެއްކެވި ނަމަވެސް އެ އަވަށުގެ މީހުން ވަނީ ބޮޑު ވަޒީރުގެ ގައިކޮޅަށް ބިސް އުކައިފަ އެވެ.