25 ނޮވެމްބަރ 2018 - 12:30

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް 300 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ޖެހީ އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ހޯއްދަވަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ 300 މިލިއަން ރުފިޔާ ބޭރުގެ އެހީގެ ގޮތުގައި ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އެކަމަކު އެ ފައިސާ ހޯދަން ވަކި ސަރަހައްދަކަށް އަމާޒުކުރަައްވަން ވިސްނަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތްކުރާނަން އެ ފައިސާ ހޯދަން،" އަމީރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިލޭ އެހީ އެންމެ ގިނަ އިން ލިބުނީ ސައުދީ އާއި ޗައިނާ އިން ނެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި އެންމެ ފުރަތަމަ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. އެކަމަކު ބަޖެޓު ކޮމިޓީން އިތުރުކުރި 300 މިލިއަން ރުފިޔާއާ އެކު އެ އަދަދު މިހާރު ވަނީ 1.3 ބިލިއަން ރުފިޔާއަށް އަަރައިފަަ އެވެ. ޑޮލަރުން ބަލާ ނަމަ އެއީ 87.7 މިލިއަނެވެ.
ރާއްޖެއަށް ލިބޭ ހިލޭ އެހީގެ މިންވަރު މިދިއަ ތިން އަހަރު ދުވަހު އައީ މަތިވަމުންނެވެ. އެގޮތުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 734 މިލިއަން ރުފިޔާ ލިބުނު އިރު މިދިއަ އަހަރު އެ އަދަދު އުޅުނީ 343 މިލިއަން ރުފިޔާގަ އެވެ. އަދި 2016 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި 188.4 މިލިއަން ރުފިޔާ ލިބުނެވެ.
އަންނަ އަހަރު ހިލޭ އެހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ހިންގަން އާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީން އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މިހާރު ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އަދަދަކީ ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓާ މެދު މަޖިލިހުގެ ތަޅުމުން މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.