ހަކުރު ހުންނަ ކާނާގެ ތެރެއިން ސޮޑާގެ ނުރައްކާ ބޮޑު
ހަކުރު ހުންނަ ކާނާގެ ތެރެއިން ސޮޑާގެ ނުރައްކާ ބޮޑު

ސޮޑާގެ ބާވަތްތައް މާގިނައިން ބޭނުންކުރުމަކީ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި ހަކުރު ހުންނަ އެހެން ކާނާތަކަށް ވުރެ ވެސް ސޮޑާގެ ނުރައްކާ ބޮޑު ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ކެނެޑާގެ ސެއިންޓް މައިކަލްސް ހޮސްޕިޓަލް އާއި ޓޮރޮންޓޯ ޔުނިވަސިޓީން ކުރި ދިރާސާއަކާ ހަވާލާދީ ބްރިޓިޝް މެޑިކަލް ޖާނަލްގައި ބުނީ މިކަން ހާމަވީ ހަކުރު ހުންނަ އެކި ކާނާތަކުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމަށް ކުރި ދިރާސާއަކުން ކަމަށެވެ.

މި ދިރާސާއަށް، މީގެ ކުރިން ކޮށްފައިވާ 155 ދިރާސާއަކުން މައުލޫމާތު އެއްކުރި އެވެ. ހަކުރު ބަލި ހުންނަ މީހުންނާއި ނުހުންނަ މީހުން ވެސް މި ދިރާސާތަކުގައި ބައިވެރިކޮށް 12 ހަފުތާގެ މުއްދަތަކަށް މޮނިޓަކުރަމުން ގެންދިޔަ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި ގުދުރަތީ ގޮތުން ފުރުޓްކޯސް ޝުގަ (ހަކުރު) ހުންނަ ގިނަ ތަރުކާރީ އާއި މޭވާ ކެޔަސް ލޭގައި ގުލްކޯޒް ލެވަލް މައްޗަކަށް ނުދެ އެވެ. އެކަމަކު ހަކުރު އަޅައިގެން ހަދާ ސޮފްޓް ޑްރިންކާއި ބްރެކްފާސްޓް ސީރިއަލް އާއި ބޭކަރީތަކުން އާންމުކޮށް ވިއްކާ ފޮނި އެއްޗެހިން ސިއްހަތަށް ނުރައްކާ ކުރެ އެވެ.

މި ތަކެތީގެ ތެރެއިން ވެސް، ހަކުރު ހުންނަ ސޮޑާގެ ނުރައްކާ ބޮޑުކަން ފާހަގަކޮށްފައިވެ އެވެ.

މިއީ ހަކުރު ކޮންޓްރޯލް ކުރުމުގައި ކާނާ އަށް ގެންނަން ޖެހޭ ބަދަލާއި ކެއުން މެނޭޖް ކުރުމުގައި އިތުރު އެހީތަކެއް ލިބިގެން ދިޔަ ދިރާސާއެެއް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ބުނެފައި ވަނީ މި ދިރާސާގައި އަދި އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އާ ދިރާސާތަކެއް ކޮށްގެން މި ނަތީޖާ އިތުރަށް ކަށަވަރުކުރަންޖެހޭ ކަމަށެވެ.