25 ނޮވެމްބަރ 2018 - 13:04

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ، ކުރިން އެއްބަސްވެފައިވާ ގޮތަށް އެކުގައި ކަމަށާއި ގޮތެއް ނުނިމި ވަނީ، ޕާޓީތަކުން ވާދަކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން ކަމަށް ކޯލިޝަންގެ އިސް ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މާޗް މަހު ބާއްވާ އިންތިޚާބަށް، އެކުގައި ވާދަކުރާނެ ފޯމިއުލާއެއް ސަރުކާރު ކޯލިޝަނަށް ނުހޯދި ލަސްވަމުންދާ ކަމުގެ ކަންބޮޑުވުމާ އެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުން ދަނީ އެކި ގޮތްގޮތަށް ޚިޔާލުފާޅުކުރަމުންނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި، ޕާޓީތަކަށް ދާއިރާތައް ބަހާނެ އިންސާފުވެރި އުސޫލެއް ހޯދުމަކީ ނުވުން ގާތް ކަމެކެވެ. އެހެންކަމުން، އެންމެ ސުލްހަވެރި ހައްލަކީ، ޕާޓީތަކުން ވަކިވަކިން އިންތިޚާބުގައި ވާދަކުރުން ކަމަށް ދަނީ ބުނަމުންނެވެ.
އެކަމަކު މިގޮތަށް ނިންމުން ވާނީ، ކޯލިޝަން ސަރުކާރަކަށް، ލީޑަރުން އެކުލަވާލި އެއްބަސްވުމާ ފުށުއަރާ ކަމަކަށެވެ. މަޖިލީސް އިންތިޚާބާ ގުޅޭ މާބޮޑު ތަފްސީލުތަކެއް ނެތް، އެ އެއްބަސްވުމުގައި އޮތީ ހަމައެކަނި މަޖިލީސް އިންތިޚާބުގައި އެކުގައި ވާދަކުރާ ވާހަކަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަންގައި ހިމެނެނީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީ އެވެ.
މައުމޫން ފިޔަވައި، ޕާޓީތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގެ އިތުރުން އަންނަ އަހަރުގެ މަޖިލީސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރާނީ އެކުގަ އެވެ. އެއީ، ސަރުކާރުގައި ކޯލިޝަން ޕާޓީތައް ހިއްސާވާ ނިސްބަތުން އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.
ދެން އޮތީ، މި ޕަސެންޓޭޖަށް ދާއިރާތައް ބެހުމެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޕާޓީތަކުގެ މަންދޫބުން ހިމެނޭ "އަށާރަނަވާރަ" ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ރިޔާޒް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބުގެ ކަންކަން ވެސް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ އިތުބާރު ރައީސަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްބަސްވުމަކީ ހަމައެކަނި ލިއެފައި އޮންނަ އެއްޗެއް ވެސް ނޫން. ދައްކާ ވާހަކަތަކުން އެއްބަސްވެވޭ ގޮތްތަކަކީ ވެސް އެއްބަސްވުމެއް. މިހާތަނަށް އެއްބަސްވުންތަކަށް ރައީސް އިހްތިރާމް ކުރެއްވި. ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ގެންދަވާނެ ކަމުގެ އިތުބާރު އެބައޮތް،" ރިޔާޒް ވިދާޅުވި އެވެ.
ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވީ އެ ޕާޓީން މަޖިލީސް އިންތިޚާބަށް ނުކުންނާނީ ކޯލިޝަންގެ ބައިވެރިންނާ އެކު ވާދަކުރުމެވެ.
އެމްޑީޕީގެ ވެސް ވިސްނުމަކީ ކޯލިޝަނުން ވާދަކުރުމެވެ. އެ ޕާޓީން މިހާރު ވަނީ މަޖިލީސް ޕްރައިމަރީއާ ގުޅޭ ގޮތުން ޓައިމްލައިނެއް ކަނޑައަޅައިފަ އެވެ. އޭގައިވާ ގޮތުން މަޖިލީސް ޕްރައިމަރީގައި އެ ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާން ކުރާނެ އެވެ.
އެމްޑީޕީން ތާރީޚުތަކެއް ކަނޑައެޅީ، އެނގިފައިވާ ގޮތުގައި، މަޖިލީސް އިންތިޚާބާ މެދު ޕާޓީތަކުގެ އެއްބަސްވުމާ އެއްގޮތަށް މަޝްވަރާކޮށް އަވަހަށް ގޮތްތަކެއް ކަނޑައެޅުމުގެ ޖާގަ ދިނުމަށެވެ. އެ މުއްދަތަށް، ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅޭނެ ކަމަށް އެ ޕާޓީތަކުން އުއްމީދު ކުރެ އެވެ.
ދާއިރާތައް ކަނޑައަޅަން ޕާޓީތަކުން މަޝްވަރާ ފަށާނެ ދުވަހެއް އަދި ނުނިންމަ އެވެ. މި މަޝްވަރާތައް ފަށައި، ދާއިރާތައް ނުބެހިއްޖެ ނަމަ ޕާޓީތަކުން ވަކިވަކިން ވާދަކުރުން ވެސް އެކަށީގެންވެ އެވެ.