25 ނޮވެމްބަރ 2018 - 08:54

ލަންޑަން (ނޮވެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު، ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެލްސީ ބަލިވެއްޖެ އެވެ.

ރަށުންބޭރުގައި ސިޓީ މޮޅުވީ ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 4-0 އިންނެވެ. ވަޓްފޯޑް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-0 އިންނެވެ. ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް ޗެލްސީ ބަލިވީ 3-1 އިންނެވެ.
ރޭގެ ނަތީޖާތަކަށް ފަހު ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 13 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ވަނީ ރޭގެ މޮޅާ އެކު 13 މެޗުން 30 ޕޮއިންޓް ހަމަކޮށް ލީގުގެ ތިން ވަނަ އަށް އަރައިފަ އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ.
ވެސްޓް ހޭމް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާގެ ލަނޑުން ލީޑުނެގިއިރު، އަނެއް ދެ ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަހީމް ސްޓާލިން އާއި ލެރޯއި ސާނޭ އެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ސާނޭ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގައުމީ ޓީމަށް މެޗުތަކެއް ކުޅުމަށް ފަހު ކުޅުންތެރިން އެނބުރި އައިއިރު ތިބީ އެކި ހާލަތުގައި ކަމަށާއި މި މެޗުގެ ނަތީޖާ މި ގޮތަށް ނުކުތް ކަމަށް ވިޔަސް މިއީ ސިޓީގެ އެންމެ ރަނގަޅު ކުޅުން ފެނުނު މެޗުކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ވަޓްފޯޑް އަތުން ލިވަޕޫލް މޮޅުވިއިރު އެ ޓީމުން ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މުހައްމަދު ސަލާހުގެ ގޯލުން ލިވަޕޫލް ލީޑުނެގިއިރު، އަނެއް ދެ ލަނޑު ޖެހީ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި ރޮބާޓޯ ފިރްމީނޯ އެވެ. އާނޯލްޑް ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.
ފުރަތަމަ 13 މެޗުގެ ނަތީޖާތަކަށް ބަލާއިރު މިއީ ލިވަޕޫލުން އެންމެ ރަނގަޅަށް ޕްރިމިއާ ލީގު ފެށި އަހަރެވެ. އެކަމަކު ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހިތްހަމަ ނުޖެހުނީ އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ރަތް ކާޑު ދެއްކުމުން އަންނަ ހަފްތާގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ސަސްޕެންޑްވުމުުންނެވެ.
އަމިއްލަ ދަނޑުގައި ސިޓީ އާއި ލިވަޕޫލް އަތުން މި ސީޒަނުގައި ބަލިވެފައިވާތީ އަލުން އިތުބާރު ހޯދަން ޓޮޓެންހަމަށް އޮތީ ރޭ ޗެލްސީ އަތުން މޮޅުވުން މަޖުބޫރުވެފަ އެވެ. ޓޮޓެންހަމުން މެޗު ފެށީ ވެސް ވަރަށް އެޓޭކިންކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ޑެލެ އަލީ އާއި ހެރީ ކޭންގެ ގޯލުތަކުން ޓޮޓެންހަމް މެޗުގެ ކުރީކޮޅުގައި ކޮންޓްރޯލް ނެގި އެވެ.
ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. މިއީ އޭނާ ކްލަބަށް ޖަހައިދިން 50 ވަނަ ގޯލެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިވިއޭ ޖިރޫޑް އެވެ.
ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ އޭނާގެ ޓީމުގެ ފަރާތުން އެއްވެސް ކަމެއް ރަނގަޅަށް ނުފެނުނު ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަސައްކަތް ނުކުރާ ކުޅުންތެރިންނަށް ކުރިއަށް ހުރި މެޗުތަކުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ބުންޏެވެ.
ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެފަ އެވެ. ކްލައުޑިއޯ ރަނިއޭރީގެ ކޯޗުކަމުގައި ފުލަމް ކުޅުނު ފުރަތަމަ މެޗުން ވަނީ ސައުތެމްޓަން އަތުން 3-2 އިން މޮޅުވެފަ އެވެ.