24 ނޮވެމްބަރ 2018 - 20:31

ނިއު ދިއްލީ (ނޮވެމްބަރު 24) - އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ މަންދިޔަ ޑިސްޓްރިކްޓުގައި ގިނަ ބަޔަކާ އެކު ދަތުރުކުރި ބަހެއް ކޯރަކަށް ވެއްޓި 28 މީހުން މިއަދު މަރުވެއްޖެ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބެންގަލޫރާ 105 ކިލޯ މީޓަރު ދުރުގައި ހިނގި މި އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސްކޫލް ކުދިންނެވެ. ބަހުގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުންނަކަށް ވެސް ނޭނގެ އެވެ.
ފެންގަނޑުން ބަސް ނެގުމަށް ވާޖަހައިގެން އުޅޭ މަންޒަރު ޓީވީތަކުން ދައްކާފައިވެ އެވެ. ބަސް ނެގުމުގެ މަސައްކަތުގައި ވަނީ އިމާޖެންސީ މަސައްކަތްތެރިންނާއި ވޮލަންޓިއަރުން ބައިވެރިވެފަ އެވެ.
ސްޓޭޓުގެ ޗީފް މިނިސްޓަރު އެޗް.ޑީ ކުމާރަސްވާމީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަގުމަތީގެ އެކްސިޑެންޓްތަކުގައި އިންޑިއާގައި އަހަރަކު 150،000 މީހުން މަރުވެ އެވެ.